އިންގްލެންޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން، އަނެއްކާވެސް ޕްރިމިއާ ލީގުގައި ކުޅުމަށް ތައްޔާރުވެއްޖެެއެވެ.
ކުރިން ލިވަޕޫލަށް ގިނަ މެޗުތަކެއް ކުޅުުނު އުމުރުން 35 އަހަރުގެ ހެންޑަސަން އެނބުރި ޕްރިމިއާ ލީގަށް ނުކުންނާނީ ބްރެންޓްފޯޑާއެކުގައިކަން މިހާރު ވަނީ އިތުބާރު ނޫސްތަކުން ޔަގީން ކޮށްދީފައެވެ. ބްރެންޓްފޯޑަށް ސޮއި ކުރުމަށް ހެންޑަސަން ތައްޔާރުވެފައިވާ އިރު، އޭނާ އެންމެފަހުން ލިވަޕޫލް ޖާޒީގައި ޕްރިމިއާ ލީގުގައި ކުޅުނީ 2023 ވަނަ އަހަރުއެވެ.
ލިވަޕޫލަށް 12 އަހަރު ކުޅެދިން ހެންޑަސަން ވަނީ ލިވަޕޫލަށް 30 އަހަރުގެ ފަހުން ޕްރިމިއާ ލީގު ހޯދައިދިނުމުގައި ބޮޑު ރޯލެއް އަދާކޮށްފައެވެ. އޭގެ އިތުރުން އެ ކްލަބާއެކު ހެންޑަސަން ވަނީ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕާއި ކްލަބު ވޯލްޑް ކަޕުވެސް ހޯދައިފައެވެ.
ހެންޑަސަން އޭގެފަހުން ސައުދީ އަރަބިއާގެ އަލް އިއްތިފާގަށް ކުޅެފައިވާ އިރު، އެ ކްލަބަށް އޭނާ ކުޅުނީ އެންމެ ހަ މަސް ދުވަސް ވަންދެންނެވެ. ސައުދީއަށް ދިޔުމުން ހެންޑަސަންއަށް ފާޑު ކިޔުން އަމާޒުވި އިރު، އޭރު އޭނާ އިންގްލެންޑް ސްކޮޑަށް ނެގުމުންވެސް ފާޑު ކިޔުންތައް އަމާޒުވިއެވެ.
ސައުދީ ލީގުގައި ކުޅުމަށްފަހު ހެންޑަސަން، 2024 ވަނަ އަހަރު ޖެނުއަރީ މަހު އަޔެކްސްއަށް ބަދަލުވިއެވެ. އެ ކްލަބަށް 50 މެޗު ކުޅުމަށްފަހު އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ މިދިޔަ ހަފުތާގައެވެ.
ބްރެންޓްފޯޑަށް ކުޅެމުންދިޔަ، އެޓީމުގެ ކެޕްޓަން ކްރިސްޓިއަން ނޯގާޑް އާސެނަލަށް ބަދަލުވެފައިވާ އިރު، އެ ކްލަބުން ހެންޑަސަން ގެންދަނީ އެތަން ފޫބައްދަން ކަމަށް ބެލެވެއެވެ.
އިންގްލެންޑަށް 84 މެޗު ކުޅެފައިވާ ހެންޑަސަންއަށް ގައުމީ ޓީމުގެ ކުރީ ކޯޗު، ގެރެތު ސައުތުގޭޓް 2024 ވަނަ އަހަރު ޔޫރޯއަށް ނެގި ސްކޮޑުން ޖާގަ ނުދިން ނަމަވެސް، ތޯމަސް ޓުޗެލް ހަވާލުވިފަހުން ތިން މެޗުގައި ކުޅެފައިވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް