ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަލިފާން ކޮންޓްރޯލުކުރާން މަސައްކަތްކުރި ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެފައިވަނީ ރޭ 6:45 ހާއިރުއެވެ. އެ އަލިފާން ކޮންޓްރޯލު ކުރެވުނީ ހަތަރު ގަޑިއިރެއްހާ ފަހުންނެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އަލިފާން ކޮންޓްރޯލުކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ ތިން ފުލުހަކަށް ރެއިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

ދުމުގެ އަސަރުކޮށްގެން އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ އެ ތިން ފުލުހުންގެ ހާލު ވެސް މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ރޭ ބުނެފައިވަނީ އެ ތަނުގައި ގިނަ ވަގުތުތަކެއް ވާންދެން ރޯވެފައިވަނީ ލަކުޑި ފަދަ ތަކެތި ހުރުމުން ކަމަށާއި އަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލުކުރެވުނު ކަމަށެވެ.