ވެސްޓް ހޭމްއަށް ކުޅެމުން ދިޔަ ގާނާގެ މިޑްފީލްޑަރު މުހައްމަދު ކުޑޫސް، 55 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ޓޮޓެންހަމްއަށް ބަދަލުވެއްޖެއެވެ.

ކުޑޫސް، 24، މިހާތަނަށް ޕްރިމިއާ ލީގުގައި، ވެސްޓް ހޭމްއަށް 65 މެޗު ކުޅެ، 13 ގޯލު ޖަހައިދީފައިވެއެވެ. އޭނާ ވެސްޓް ހޭމްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާ ރިލީސް ފީއަކީ 85 މިލިއަން ޕައުންޑް ނަމަވެސް، ޓޮޓެންހަމްއިން ކުޑޫސް ގެންދިޔައީ ވެސްޓް ހޭމްއާއެކު 55 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެގެންނެވެ.

ޓޮޓެންހަމްއިން ފުރަތަމަ ކުރި ބިޑަކީ 50 މިލިއަން ޕައުންޑްގެ ބިޑެއް ނަމަވެސް، އެ ބިޑަށް ވަނީ ނޫނެކޭ ބުނެފައެވެ.

ކުޑޫސްއަކީ 2023 ވަނަ އަހަރު އަޔެކްސްއިން ވެސްޓް ހޭމްއާ ގުޅުނު ފޯވަޑެކެވެ. އެ ޓްރާންސްފާއަށްފަހު ކުޑޫސްއަކީ ވެސްޓް ހޭމްއަށް މުހިއްމުވެސް ކުޅުންތެރިއެކެވެ. ކުޑޫސް ވެސްޓް ހޭމް ޖާޒީގައި ފުރަތަމަ ކުޅުނު މެޗަކީ ލުޓޮން ޓައުންއާ ދެކޮޅަށް ކުޅުނު މެޗެކެވެ. އޭނާ ވެސްޓް ހޭމްއަށް ފުރަތަމަ ގޯލު ޖަހައިދިނީ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅުނު މެޗެއްގައެވެ.

ފުރަތަމަ ސީޒަނުގައިވެސް ކުޑޫސް ވަނީ ވެސްޓް ހޭމްއަށް 14 ގޯލު ޖަހައިދީ ނުވަ އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.

ޓޮޓެންހަމްއާ ގުޅުމަށްފަހު ކުޑޫސް ބުނީ ބޮޑު ކްލަބަކަށް ކުޅެން އަބަދުވެސް ބޭނުންވި ކަމަށާއި، ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތައް ކުޅެން ބޭނުންވާ ކަމަށެވެ.

ޓޮޓެންހަމްއިން މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގު ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން ވަނީ ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ މޯގަން ގިބްސް-ވައިޓް ގެންދަންވެސް އެއްބަސްވުމަކަށް އައިސްފައެވެ.