ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ.

އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ނިއްވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބޭނުންކުރާ ފަޔާ ޓްރަކުތައް ވެސް ވަނީ އެ ސަރަހައްދަށް ގެންގޮސްފައެވެ.

އެ ސަރަހައްދަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ވަޑައިގެންފައެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިޝަލަކު މިރޭ 11:00 ހާއިރު ވިދާޅުވެފައިވާ ގޮތުގައި އަލިފާންގަނޑުގެ ބޮޑުބައެއް ވަނީ ކޮންޓްރޯލުކުރެވިފައެވެ. އެ ތަނުގައި ބޮޑަށް ރޯވެފައިވަނީ ލަކުޑި ފަދަ ތަކެތި ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާން ކޮންޓްރޯލުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވި ނަމަވެސް، އަލިފާންގަނޑު ފެތުރިފައިނުވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.