ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 2026 ވަނަ އަހަރުގެ މުބާރާތް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން ދެ މުބާރާތުގައި ވެސް ޖުމުލަ 129 ޓީމަކުން ވާދަކުރި އިރު، ގާތްގަނޑަކަށް 300 އަށްވުރެ ގިނަ މެޗު އޭގެން ކޮންމެ މުބާރާތެއްގައި ވެސް ކުޅެފައިވެއެވެ.

އަހަރެއް އަހަރަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ފޯރިގަދަވެ، މިދިޔަ އަހަރުގެ މުބާރާތް ވެގެން ދިޔައީ ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވެސް ވަދެފައިވާ އަހަރަކަށެވެ. ހާއްސަކޮށް އަތޮޅާއި ރަށު ފޯރި މުބާރާތުން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ އިރު، އޮންލައިން ޕްލެޓްފޯމުތަކަށް ރެކޯޑު އަދަދަކަށް ވިއުސްވެސް ލިބިފައިވެއެވެ.

އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެސް ޗެރިޓީ މެޗަކުން ފަށަން ތާވަލުކޮށްފައިވާ އިރު، ޗެރިޓީ މެޗު އޮންނާނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ރޭގައެވެ. ބައްދަލުކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިއަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ.

ކާށިދޫން ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުގައި ވާދޫ ބަލިކޮށް، އުފާފާޅުކުރަނީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

އޭގެފަހުން ހަތަރު ވަނަ ދުވަހުގެ ރޭ ރަސްމީ މެޗުތައް ފެށުމަށް ތައްޔާރުވެފައިވާ އިރު، މިއަހަރު މުބާރާތުގައި ބައިވެރިވުމަށް ވެސް ފުރަތަމަ ހުޅުވާލާފައި ވަނީ ކައުންސިލް ތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް ކައުންސިލްތަކަށް މިހާރު ހުޅުވާލާފައިވާ އިރު، ކައުންސިލްތަކަށް ދީފައިވާ ފުރުސަތުގެ މުއްދަތު، އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް ހަމަވާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ އިތުރު މައުލޫމާތު ހޯދުމަށް 9994470 އަދި 9828868 އަކަށް ގުޅުން އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ރަޖިސްޓްރީ ބަދަލުކުރުމުގެ ގަވާއިދަށް ބަދަލެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަވާއިދަށް ވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. ކުޅުންތެރިން އުފަން ރަށަށް ކުޅެ، އަތޮޅާއި ރަށު ފުޓްސަލްގެ ފޯރިގަދަ ކުރުމަކީ މުބާރާތުގެ މައިގަނޑު މަގުސަދު ކަމަށްވީ ހިނދު، ކުޅުންތެރިން އުފަން ރަށް ދޫކޮށް އެހެން ރަށްރަށަށް ކުޅުން ހުއްޓުވަން މިފަހަރު ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.

‏‎ކުރިން ގަވާއިދުގައި އޮންނަ ގޮތުން، އެއް އަހަރު މުބާރާތް ނުކުޅެ ހުރުމަށް ފަހު، ރަށް ބަދަލު ކޮށްގެން އެހެން ރަށަކަށް ކުޅެވޭ ގޮތަށް އޮތް އޮތުން، ތިން އަހަރަށް ވަނީ ބަދަލު ކޮށްފައެވެ.

އެހެންކަމުން 2026 ވަނަ އަހަރުގެ މުބާރާތުގައި ރަޖިސްޓްރީ ބަދަލުކޮށްގެން ކުޅެވޭނީ 2023، 2024 އަދި 2025 ގެ މުބާރާތުގައި ނުކުޅޭ ކުޅުންތެރިންނަށް އެކަންޏެވެ. ނަމަވެސް ފާއިތުވި ތިން އަހަރު މުބާރާތުގައި އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ކުޅެފައިވާ ކުޅުންތެރިން އަމިއްލަ ރަށަށް ބަދަލުވުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ހާއްސަ ފުރުސަތެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ގޯލްޑެން ފްޓްސަލް އެސޯސިއޭޝަނުން އެކަމަށް ކަނޑައަޅާފައިވާ ފޯމެއް ފުރުމަށްފަހު، އޮކްޓޯބަރު ތިންވަނަ ދުވަހުގެ ކުރިން އަމިއްލަ ރަށަށް ބަދަލުވެ، 2026 ވަނަ އަހަރުގެ މުބާރާތުގަ ކުޅުމުގެ ފުރުސަތު ދެވޭނެއެވެ. އެއީ މިފަހަރު އެކަނި ދޭނެ ފުރުސަތެއް ކަމަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފައިވެއެވެ.