އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕު ފައިނަލުގެ ދެވަނަ ޖާގަ، ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ހޯދައިފިއެވެ.

ޕީއެސްޖީން ކްލަބު ވޯލްޑް ކަޕުގެ ފުރަތަމަ ފައިނަލް މިރޭ ޔަގީންކުރީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ރެއާލް މެޑްރިޑް ކައިރިން 4-0 އިން މޮޅުވެގެންނެވެ.

ވަރުގަދަ ތާރީހެއް އޮތް ރެއާލް ކައިރިން ޕީއެސްޖީން ތަފާތު ބޮޑު މޮޅެއް ހޯދި އިރު، އާ ފޯމެޓަކަށް މިފަހަރު ކުޅެމުންދާ ކްލަބު ވޯލްޑް ކަޕުގެ ފައިނަލުގައި އަނެއްކޮޅުން ނުކުންނާނީ ޗެލްސީއެވެ. ފައިނަލް އޮންނާނީ އާދީއްތަ ދުވަހުއެވެ.

މިރޭގެ މެޗަށް ރެއާލުން ނުކުތީ އަނިޔާގައި ހުރި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑާ ނުލައެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓަށް މެޗުގެ ފެށުން ލަސްވެގެން ދިޔަ އިރު، އެ ލަސްވުމަކީ ޓްރެފިކް މައްސަލަތަކާ ހެދި ދިމާވި މައްސަލައެކެވެ.

އެ ލަސްކަމާއެކު މެޗު ފެށި ނަމަވެސް، ޕީއެސްޖީ އޮތީ ފުރިހަމައަށް ތައްޔާރަށްކަން ދައްކާލިއެވެ. ފުރަތަމަ 24 މިނެޓުގެ ތެރޭގައި ޕީއެސްޖީން ރެއާލަށް ހަދާނެ އެއްޗެއް ހަދާލިއެވެ.

މެޗުގެ 25 ވަނަ މިނެޓާ ހަމައަށްވެސް ނުދަނީސް ވަރުގަދަ ރެއާލް ކޮޅަށް ޕީއެސްޖީން ތިން ގޯލު ޖެހިއެވެ. މެޗުގެ ހަވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ ހެދި ބޮޑު ގޯހަކާއެކު ފަބިއަން ރުއީޒް ޕީއެސްޖީއަށް ލީޑު ނަގއިދިން އިރު، އޭގެ ތިން މިނެޓުފަހުން އަނެއްކާވެސް ޕީއެސްޖީ ގޯލު ޖެހިއެވެ.

އެއީވެސް ރެއާލްގެ ފަހަތުން އެންޓޯނިއޯ ރުޑިއާ ހެދި ގޯހަަކުން އުސްމާން ޑެމްބެލޭ ޖެހި ގޯލެކެވެ. އޭގެފަހުން އަޝްރަފް ހަކީމީއާއި ޑެމްބެލޭގެ މަސައްކަތާއެކު ރުއީޒް ވަނީ އޭނާގެ ދެވަނަ ގޯލާއެކު ޕީއެސްޖީއަށް ތިންވަނަ ގޯލު ޖަހައިދީފައެވެ.

އެ ހާލަތަށް ރެއާލް ދިޔުމާއެކު ހާފުގެ ފަހު ބައިގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ވަރަށް ބޮޑަށް ކުރިއަށް ޖައްސާލިއެވެ. އެހެން ނަމަވެސް ކިލިއަން އެމްބާޕޭއާއި ވިނީޝިއަސް ޖޫނިއާއަށްވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ކައުންޓާގައި ހަމަލާތައް އުފައްދަމުން ގޮސް، ޕީއެސްޖީން ފަހު ގޯލެއް ޖެހީ މެޗު ނިމެން ދަނިކޮށެވެ. އެއީ ގޮންސާލޯ ރާމޯސް ބަދަލަކަށް އަރައި ޖެހި ގޯލެކެވެ. އޭނާ އުފާފާޅުކުރީ ޕޯޗުގަލްގައި އެއްކޮށް ކުޅުނު ޑިއޯގޯ ޖޮޓާގެ ހާއްސަ ސެލެބްރޭޝަނަކުންނެވެ.