ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ހޯކްސްއަށް ސްމަގްލިން ދައުވާ ކުރަން ފޮނުވިތާ ދެ މަސްވެފައިވާ ކަމަށާއި މަނީ ލޯންޑަރިންގެ މައްސަލަވެސް އޮތީ ހުއްޓިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް އެހެން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައެވެ.
އެ ކޮމިޓީން ބަލަމުން ދަނީ މިދިޔަ އަހަރު ހޯކްސް ކުންފުނިން ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނު މައްސަލަ އަދި ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ މައްސަލައެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި ސްމަގްލިން ދައުވާ ހޯކްސްގެ މައްޗަށް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ކަސްޓަމްސްގެ ފަރާތުން ފޮނުވާފައި އޮންނަތާ ވެސް މިހާރު ދެ މަސް ވެފައިވެއެވެ. ނަމަވެސް ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު، އަދި ދައުވާ ކުރިކަން އެނގިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ދެން އަނެއްކަމަކީ، މަނީލޯންޑަރިންގެ ބައި ތަހުގީގު ކުރަން ފުލުހުންނަށް އަންގާފައި އޮތީ. ފުލުހުންގެ ތަހުގީގު ކުރިއަކަށް ނުދޭ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މައްސަލަތައް ލަސްވަނީ، ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މުއައްސަސާތަކުގައި ތިބުމުން ކަމަށެވެ.
ހަގީގަތަށް ދަންނަވާ ކަމަށްވަންޏާ "ހަމަ އެއްގަލަކުން ފެހިކައިގެން ތިބި މީހުން މިތާ ތިބީ. ވަކި މީހަކު ނެތް. ތިރިން މައްޗަށް އައިސްފައި ތިބި ވެރީންނަކީ އެތާ ތިބި އެހެން މުވައްޒަފުންނާއެކު އެކަންކަމުގައި ބައިވެރިވެގެން ކޮމްޕްރޮމައިޒްވެފަ ތިބި މީހުން. އެހެންވެ މިކަން އެހެން ވަނީ. އެހެން ނޫންކަމުގައި ނުވާނެ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެ މައްސަލަ ލަސްވަނީ ކޮމިޓީ މެންބަރުންގެ މައްސަލައަކުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކޮމިޓީ މެންބަރުންނަކީ "ރިޝްވަތަށް ވިކޭނެ" ބައެއް ނޫން ކަމަށެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ