ނައިޖީރިއާގެ ފޯވަޑް ވިކްޓޯ އޮސީމެންއަށް ނަޕޯލީން ކިޔާފައިވާ އަގު، 65 މިލިއަން ޕައުންޑް ދައްކަން ގަލަޓަސަރާއީން ތައްޔާރަށް ތިބި ކަމަށް ނޫސްތައް ބުނެފިއެވެ.

މިދިޔަ ސީޒަނުގައިވެސް އޮސީމެން ކުޅެފައި ވަނީ ތުރުކީގެ ގަލަޓަސަރާއީ އަށެވެ. އެއީ ޓްރާންސްފާ މާކެޓް ބަންދުވާން ދަނިކޮށް، އޭނާ ނިންމި ނިންމުމަކާ އެކުގައެވެ. އޭގެ ކުރީ ސީޒަނަށްފަހު އޮސީމެން ގެންދަން ޔޫރަޕްގެ އެތައް ކްލަބަކުން މަސައްކަތް ކުރި ނަމަވެސް، އޮސީމެން ބޭނުންވާ މުސާރަ ދޭން އެއްވެސް ކްލަބަކުން އެއްބަސްވެފައެއް ނުވެއެވެ.

ނަޕޯލީން މިދިޔަ ސީޒަނުގައި އޮސީމެން ފޮނުވާލީ އެ ކްލަބުގެ ދުރު ރާސްތާ ޕްލޭނަށް ބޭނުން ނުވާ ކަމަށް ބުނެއެވެ. ކޯޗު އެންޓޯނިއޯ ކޮންޓޭ މިހާރުވެސް ހުރީ އޮސީމެން ފުރަތަމަ 11 ގައި ބޭނުންކުރާ ގޮތަކަށް ނޫނެވެ.

އެހާލަތުގައި އޮސީމެން ނަޕޯލީއަށް އަނބުރާ ދާން ބޭނުން ނުވާ އިރު، ކޮންޓޭ ބުނީ ވިއްކާލާ ނަމަ، ރަނގަޅު އަގެއްގައި ވިއްކާލަން ޖެހޭ ކަމަށެވެ.

އޮސީމެން ނަޕޯލީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، މިހާރު ސީޒަނަށް 21 މިލިއަން ޕައުންޑް ޖެހެއެވެ. އެ އެއްބަސްވުން 2026 ވަނަ އަހަރާ ހަމައަށް ދެމި އޮންނައިރު، މިހާރު ވިއްކާ ނުލެވިއްޖެނަމަ، މި ސީޒަނަށްފަހު ހިލޭ ދޫކޮށްލަން ޖެހިދާނެކަމުގެ ބިރު ނަޕޯލީއަށް އެބައޮތެވެ.

އެހެންކަމުން ނަޕޯލީން އޮސީމެން ދޫކޮށްލަން މަސައްކަތް ކުރަމުން އަންނައިރު، ގަލަޓަސަރާއީން ބުނީ ނަޕޯލީން ދޭން އެދޭ އަގު ދޭން އެއްބަސް ނަމަވެސް، އެ އަގު ދައްކާނީ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށެވެ.

އެކަމަށް ނަޕޯލީން އަދި އެއްބަހެއް ނުވެއެވެ. ނަޕޯލީން އިތުރު ކްލަބުތަކުގެ ހުށަހެޅުންތަކަކަށްވެސް ބަލަމުން އަންނައިރު، ނޫސްތައް ބުނީ އެ އަގު އެއްފަހަރާ ދައްކާފައި އޮސީމެން ގެންދަން ސައުދީގެ އަލް ހިލާލުން ތައްޔާރު ކަމަށެވެ.

މިދިޔަ ސީޒަނުގައި ގަލަޓަސަރާއީން ލީގު ހޯދި އިރު، އޮސީމެން ވަނީ 30 މެޗު ކުޅެފައެވެ. އެ 30 މެޗުގައި އޭނާ 26 ގޯލު ޖެހިއެވެ.