ބާސެލޯނާށް ކުޅެމުން އަންނަ ޕޮލެންޑްގެ ގޯލްކީޕަރު ވޯޝެކް ޝެޒްނީ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރާ ހަމައަށް އާކޮށްފިއެވެ.

އުމުރުން 35 އަހަރުގެ ޝެޒްނީ، 2024 ވަނަ އަހަރު އޮގަސްޓް މަހު ފުޓުބޯޅައިން ރިޓަޔާކުރި ނަމަވެސް، އޭގެ ދެ މަސް ފަހުން ވަނީ ބާސާއާއެކު އެނބުރި ފުޓުބޯޅައަށް ނުކުމެފައެވެ. އެއީ ބާސާގެ ފުރަތަމަ 11 އިން އާއްމުކޮށް ފެނިގެންދާ މާކް-އަންދްރޭ ޓާ ސްޓޭގަންއަށް ސީޒަން ގެއްލޭވަރުގެ ބޮޑު އަނިޔާއަކާ ކުރިމަތިވުމުންނެވެ.

އެހިސާބުން ބާސާއާ ގުޅި، ޝެޒްނީ މިދިޔަ ސީޒަން ނިންމާލީ ބާސާއާއެކު ކޮޕާ ޑެލް ރޭއާއި ލަ ލީގާވެސް ކާމިޔާބު ކޮށްގެންނެވެ. އެ ކާމިޔާބީތަކުގައި ޝެޒްނީގެ ހިއްސާވެސް ބޮޑެވެ.

ބާސާއިން ބުނީ ޝެޒްނީއަށް އާ އެއްބަސްވުމެއް ދިނީ، އޭނާ ކްލަބާއެކު ހޭދަކުރި ކާމިޔާބު ސީޒަނުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ. ހާއްސަކޮށް ކްލަބުން އެންމެ ބޭނުންވި ދަނޑިވަޅުގައި ޝެޒްނީ ތަފާތު ދެއްކި ކަމަށްވެސް އެ ކްލަބުން ބުނެފައިވެއެވެ.

ޝެޒްނީގެ އާ އެއްބަސްވުމާއެކު ސްޓޭގަން އެ ކްލަބުގައި އިތުރަށް މަޑުކުރާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިދިޔަ ސީޒަން ނިމެން ދަނިކޮށް، ސްޓޭގަން ފަހު ހަފުތާގައި ތަމްރީނުތަކަށް ނުކުމެ، މިހާރު ފިޓްކޮށް ހުރި ނަމަވެސް، ބެލެވޭ ގޮތުގައި ބާސާއިން އޭނާއަށް ބަރޯސާވާކަށް ނުވިސްނައެވެ.

އެއީ ޝެޒްނީގެ އެއްބަސްވުން އާކުރުމުގެ އިތުރުން ބާސާއިން ވަނީ އެސްޕަނިޔޯލަށް ކުލެމުންދިޔަ ގޯލްކީޕަރު ޖޮއާން ގާސިއާވެސް އެ ކްލަބަށް ގެނެސްފައެވެ. އަދި އުމުރުން 26 އަހަރުގެ އިނާކީ ޕެނާ ގެންދަންވެސް ބާސާއިން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.