އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕު ފައިނަލުގެ ފުރަތަމަ ޖާގަ އިނގިރޭސިވިލާތުގެ ޗެލްސީން ހޯދައިފިއެވެ.

މީގެ ކުރިން ކްލަބު ވޯލްޑް ކަޕު ކުޅެމުންދިޔަ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް، މިފަހަރު މުބާރާތް އެމެރިކާގައި ބާއްވަމުން ދަނީ 32 ޓީމާއެކުގައެވެ. ގްރޫޕް ސްޓޭޖަށްފަހު، ސެމީ ފައިނަލާ ހަމައަށް އައިސްފައިވާ އިރު، ޗެލްސީން ފައިނަލް ޔަގީންކުރީ މިރޭ ބްރެޒިލްގެ ފްލެމިނެންސޭ ކައިރިން 2-0 އިން މޮޅުވެގެންނެވެ.

ނިއު ޖާޒީގެ މެޓް ލައިފް ސްޓޭޑިއަމްގައި މިރޭ ޗެލްސީގެ ދެ ގޯލުވެސް ޖެހީ ކްލަބު ވޯލްޑް ކަޕުގެ ތެރެއިން އެޓީމާ ގުޅުނު ބްރެޒިލްގެ ޖޮއާއޯ ޕެޑްރޯއެވެ. އޭނާގެ ހިތްގައިމު ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، މިރޭގެ މެޗަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ޗެލްސީން 60 މިލިއަން ޕައުންޑްގެ އަގަކަށް ގެންދިޔަ ފޯވަޑް މެޗުގައި ދެ ގޯލު ޖެހުމަށްފަހުވެސް އުފާފާޅުކޮށްފައެއް ނުވެއެވެ. އެއީ ފްލެމިނެންސޭއަކީ އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބަށް ވީތީއެވެ.

ގާތްގަނޑަކަށް 35 ޑިގްރީ ޝެލްސިއަސްގެ ހޫނު މިނެއްގައި ކުޅެމުންދިޔަ މެޗު ފެށިގެން 18 ވަނަ މިނެޓުގައި ޗެލްސީން ގޯލު ހުޅުވާލިއެވެ. ޖޮއާއޮ ޕެޑްރޯ، އަރިމަތިން އޭރިއާ ރޮނގު ކައިރިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.

އެ ގޯލަށް ފުރުސަތު ފަހިވީ ކުރިން ޗެލްސީއަށް ކުޅުނު ލެޖެންޑަރީ ޑިފެންޑަރު، މިހާރު ފްލެމިނެންސޭގެ ކެޕްޓަން ތިއާގޯ ސިލްވާއަށް ޕެޑްރޯ ނެޓޯގެ ހުރަސް ރަނގަޅަށް ސާފުކޮށް ނުލެވުމުންނެވެ.

ގޯލަށްފަހު ޗެލްސީން ބޮޑަށް ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، ކްރިސްޓޮފާ އެންކުންކޫއާއި މާކް ކުކުރޭޔާއަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް، އޭރިއާ ތެރެއިން ޗެލްސީގެ ޓްރެވޯ ޗަލޯބާ އަތުގައި ބޯޅައިން ޖެހި ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ދިން ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކުރީ ވީއޭއާރް ބެލުމަށްފަހުއެވެ. ރެފްރީ ނިންމީ ޗަލޯބާ އަތުގައި ބޯޅައިން ޖެހުނު އިރު، އަތް އޮތީ އާއްމު ހާލަތުގައި އޮންނަން ޖެހޭ މަގާމުގައި ކަމަށެވެ.

ފުރިފައި އޮތް ސްޓޭޑިއަމްގައި ފްލެމިނެންސޭ ސަޕޯޓަރުން ގިނަކޮށް ފެނުނު އިރު، އެޓީމަށް ދެވަނަ ހާފުވެސް ވީ މާޔޫސީ ހާފަކަށެވެ. ހާކިއުލެސްއާއި އެވަރަލްޑޯގެ ހަމަލާ ފިޔަވާ އިތުރު ހަމަލާއެއް އުފެއްދިފައި ނުވާ އިރު، 56 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ދުއްވާލި ބޯޅައެއްގައި ޖޮއާއޮ ޕެޑްރޯ ވަނީ ދެވަނަ ގޯލެއް ޖަހައިފައެވެ.

އޭރިއާ ތެރެއަށް ވަދެ ޖޮއާއޮ ޕެޑްރޯ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ މަތީ ދަނޑީގައި ޖައްސާފައެވެ.

މެޗުގެ ފަހުކޮޅުގައި ކޯލް ޕާމާއާއި ނިކޮލަސް ޖެކްސަންއަށް އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް، ޗެލްސީ ނިންމާލީ ދެ ގޯލުގެ ފަރަގަކާއެކުގައެވެ.

އެޓީމުން ފައިނަލުގައި ނުކުންނަން ޖެހޭ ޓީމު އެނގޭނީ ޕީއެސްޖީއާއި ރެއާލް މެޑްރިޑް ވާދަކުރާ ސެމީ މެޗަށްފަހުއެވެ. ފައިނަލް އޮންނާނީ މިރޭގެ މެޗު ކުޅުނު ދަނޑުގައެވެ. އެއީ އާދީއްތަ ދުވަހުއެވެ.