ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ނިންމައިލެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އެ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް ނުވަތަ މަޑުޖެހުމަކަށް ނުދާހެން، މަޝްރޫއުތައް ނިންމަން ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ކެނޑިނޭޅި ކެބިނެޓަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެބަ ހުޅުވޭ. އެ ހުޅުވުމުގައި ވެސް، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ޓައިމްލައިންތަކުގައި އެންމެ ބޮޑު އިސްކަމެއް، އިތުރަށް ނެގޯޝިއޭޓް ނުކުރެވޭ ވަރަށް، މާނައަކީ ހަމަ ކަނޑައެޅިގެން ތާރީހުތަކެއް ދެއްވައިފައި، އެއާޕޯޓަށް ވެސް އެ އިންސްޓްރަކްޝަން ދެއްވި ނިންމަން. އެހެންވީމަ، އެ ނަތީޖާ އެގޮތަށް ފެނިގެން އެ ދަނީ،" ސައީދު ވިދާޅުވިއެވެ.

"ކޮންމެ މޫސުމެއް، ކޮންމެ ގޮތަކަށް ބައްދަލު ކުރިޔަސް، ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ރާއްޖޭގެ އިގުތިސޯދު ހަމަމަގަށް އެޅުވުމަށް އަދި ކޮންފިޑެންސް ބިލްޑްކުރުމުގެ މަސައްކަތްތަކެއް ވަރަށް ހިކުމަތްތެރިކަމާއެކު ކުރައްވަމުން އެ ގެންދަވަނީ،"

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނީ މިމަހު 26 ގައި ކަމަށެވެ. އެއީ ރާއްޖޭގެ މިނިވަންދުވަހެވެ. އާ ޓާމިނަލް ހުޅުވުމަށްފަހު ފުރަތަމަ ބޭނުންކުރާނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓުތައް ކަމަށާއި ޓޫރިޒަމްގެ ސީޒަނަށް ހުރިހާ ފުލައިޓުތަކާއެކު މުޅި ޓާމިނަލް ބޭނުންކުރެވޭނެކަމަށް އެމްއޭސީއެލުން ބުނެފައިވެެއެވެ.

އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.