އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑްގެ ސެމީ ފައިނަލާ ހަމައަށް ބްރެޒިލްގެ ކްލަބު ފްލުމިނެންސޭ ދިޔައީ ތަފާތު ވިސްނުމެއްގައި ވިސްނައިގެން ކަމަށާއި އެ ކްލަބަކީ "އަންޑާ ޑޯގްސް" ގޮތުގައި އޮތުމަކީ ހާސްވާނެ ކަމެއް ނޫން ކަމަށް ކޯޗު ރެނާޓޯ ގައުޗޯ ބުނެފިއެވެ.
މިއަހަރުގެ ކްލަބު ވޯލްޑް ކަޕަކީ، 32 ޓީމާއެކު ބާއްވަމުންދާ ފުރަތަމަ ކްލަބު ވޯލްޑް ކަޕެވެ. ފީފާއިން ކްލަބު ވޯލްޑް ކަޕުގެ ފޯމެޓަށް ގެނައި ބަދަލާއެކު އެކި ބައްރުތަކުގެ ޓީމުތަކުގެ ކުޅުން އަޅާ ކިޔާލަން ސަޕޯޓަރުންނަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވާ އިރު، ބްރެޒިލްގެ ކްލަބުތައް މިފަހަރު ފެނުނީ ވަރުގަދަ ކޮށެވެ.
ސެމީ ފައިނަލުގައި އޮތް ހަތަރު ޓީމުގެ ތެރެއިން ތިން ޓީމަކީ ޔޫރަޕްގެ ތިން ޓީމު ނަމަވެސް، ފްލުމިނެންސޭ އެހިސާބަށް ދަތުރުކުރިން އެއީ ގިނަ ބަޔަކަށް ސަޕްރައިޒެކެވެ.
ރިއޯ ޑި ޖެނެރޯގެ ފްލުމިނެންސޭ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އޮޕްޓާގެ ސުޕަ ކޮމްޕިއުޓަރު ދިން ޕަސެންޓަކީ 0.05 ޕަސެންޓެވެ. އޮޕްޓާގެ ސުޕަ ކޮމްޕިއުޓަރު އަންދާޒާ ކުރި ގޮތުގައި ފްލުމިނެންސޭ ގްރޫޕް ސްޓޭޖުން ކަޓައެވެ.
"އަހަރެމެންނަކީ އަގްލީ ޑަކްލިން. އެހެން މިބުނަނީ އެހެން ކްލަބުތަކަށް އިހުތިރާމުވެސް ކުރަމުން. އަހަރެމެންނަކީ ފައިސާގެ ގޮތުން، މުއްސަނދިކަމުގެ ގޮތުން ބަލާއިރު، ވަރަށް ދަށް ބައެއް. ފްލުމިނެންސޭއަކީ އެހެން ކްލަބުތަކުގެ މާލީ ތަނަވަސްކަމާ ބަލާއިރު، 10 ޕަސެންޓްގެ ކްލަބެއް. އެހެން ކްލަބުތަކަށް މޮޅެތި ތަފާތު، ހުނަރުވެރި ކުޅުންތެރިން ގަންނަން ފުރުސަތު އޮތަސް އަހަރެމެންނަކަށް އެ ފުރުސަތު ނޯވޭ،" ރެނާޓޯ ބުންޏެވެ.
ފްލުމިނެންސޭގެ 62 އަހަރުގެ ކޯޗު ރެނާޓޯ ބުނީ އެޓީމުގެ ތަފާތަކީ ވިސްނުމުގެ ތަފާތެއް ކަމަށާއި، ތަފާތު ރޫހެއްގައި އަންޑަ ޑޯގުންގެ ގޮތުގައި ކުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ރެނާޓޯ ބުނީ ޗެލްސީއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗަކީ "ރާޒުވާ މެޗެއް" ކަމަށާއި، މެޗުގެ ނަތީޖާ ނުކުންނާނީ ޓެކްޓިކަލް ޑިސިޕްލިންއިން ކަމަށެވެ.
ޗެލްސީއާ ދެކޮޅަށް ފްލުމިނެންސޭއިން ކުޅޭ މެޗަކީ އެޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާއަށްވެސް ހާއްސަވާނެ މެޗެކެވެ. ސިލްވާ ވަނީ މީގެ ކުރިން ޗެލްސީއަށް ކުޅެ، އެ ކްލަބާއެކު ކްލަބު ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ކެޕްޓަން ތިއާގޯ ސިލްވާއަށް މަރުހަބާކިޔަމެވެ.މިރޭ މޮޅުކުޅުމެއް ދައްކައި ފްލުމިނެންސޭއަށް ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރާށެވެ.
ހަސަން ޢަލީ - 11 މަސް ކުރިން