އެމްއެންޑީއެފްގެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު މޯލްޑިވްސް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އޯގަނައިޒޭޝަން (މޯޝާ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ހާދިސާގައި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އޭގެ ތެރެއިން އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ފެނިފައެވެ.
މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ އުޅަނދުގައި ހަ މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އެއް އާންމު ފަރާތް އަދި ތިން ބިދޭސީންކަން އެމްއެންޑީއެފުން އެ ދުވަހު ވަނީ ބުނެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ މޯޝާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ ސިވެކްގެ ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ކަމަށެވެ.
އޭގެން ގެއްލުނު ބިދޭސީ މީހާގެ މައުލޫމާތު ހާމަކުރުމަށާއި އަދި އެކަމާ ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ވެސް މޯޝާ އިން ވަނީ ގޮވާލައިފައެވެ.
މޯޝާ އިން ބުނީ އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ އަދި ބިދޭސީއަކު ގެއްލުނު އިރު، އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ފަސްޖެހެމުންދާތީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. ކޮޅުވެއްޓިއަށް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށާއި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުން، އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި ފަސް ވަރަކަށް މޭލަށް ކައިރިވެފައިވަނިކޮށް، ދިޔަވާން ފަށައި، ކުއްލިއަކަށް ކޮޅުވެއްޓި އަދި އަޅާލައިގެންކަން އުޅަނދުގެ ކެޕްޓަން މައުލޫމާތުދީފައިވާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް އެމްއެންޑީއެފުން އެކަމަށް ކަނޑައަޅާފައިވާ ބޯޑުން އިތުރަށް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮޅުވެއްޓިއަށް ދިޔަވެގެން އަރި އަޅާލައިގެންދިޔަ ވަގުތު ކޮޅުވެއްޓީގެ ކެޕްޓަނާއި ވޮރަންޓް އޮފިސަރު އަލީ ހާމިދާ ދެމީހުން ތިބީ އުޅަނދުގެ ވީލްހައުސްގެ ތެރޭގައި ކަމަށާއި އެ ވަގުތު އިންޖީނު ރޫމްގެ ތެރޭގައި ހުރީ ގެއްލިގެން ހޯދާ ބިދޭސީ މީހާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ދިން އެ މައުލޫމާތުތަކާ ގުޅޭގޮތުން މޯޝާ އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ ގެއްލުނު ބިދޭސީ މީހާ އެ ހާދިސާ ހިނގި ވަގުތު ހުރީ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތުދިން ނަމަވެސް، ކޮޅިވެއްޓީގައި ތިބި ބިދޭސީންނަކީ އާންމުންކަމެއް ނުވަތަ ބިދޭސީ ސިފައިންކަމެއް ބުނެފައިނުވާ ކަމަށެވެ.
ގެއްލިފައިވާ ބިދޭސީ މީހާގެ އައިޑެންޓިޓީ އާއި ގައުމު އަދި ވަޒީފާގެ މައުލޫމާތު ފަދަ އަސާސީ މައުލޫމާތު ވެސް އެމްއެންޑީއެފުން ހާމަކޮށްފައި ނުވާ ކަމަށާއި އެ އަމަލަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އެއީ މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނާ ހިލާފު އަމަލެއް ކަމަށް ވެސް މޯޝާ އިން ފާހަގަކުރިއެވެ.
މޯޝާ އިން ބުނީ މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނުގައި ޔުނީފޯމް ވުޒާރާތައް އިސްތިސްނާވި ކަމުގައި ވިޔަސް، އާންމު މީހުން ހިމެނޭ މަސައްކަތުގެ މާހައުލުގެ ހާދިސާތައް ތަހުގީގުކޮށް ހާމަކުރުމަށް، ސާފުކޮށް ބަޔާންކޮށްފައިވާތީ، އެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ގެއްލުނު ބިދޭސީގެ މައުލޫމާތު ހާމަކުރަން ޖެހޭ ކަމަށެވެ. އަދި އެކަމާ ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް އެ ޖަމިއްޔާއިން ގޮވާލިއެވެ.
އެހެންކަމާއެކު، ކަމުގެ ކަންބޮޑުވުން ހުރި މިންވަރަށް ބަލައި، ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސްނުކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރާ ކަމަށާއި އަދި އެފަދަ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލޭ އާންމު މީހާގެ ހައްގުތައް ގެއްލިގެން ނުވާނެ ކަމަށެވެ. އަދި ތަހުގީގު ލަސްކުރުމަކީ އިހުމާލުވުން ކަމަށްވެސް މޯޝާގެ ބަޔާނުގައި ބުންޏެވެ.
ފާތިމަތު ލިއުޝާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް