އެމެރިކާގެ ޓެކްސަސްގޭ ފެންބޮޑުވުމުޣޭ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ރޭ ބުނީ އެމެރިކާގެ ރައީސް ޓްރަމްޕަށް ރައީސް ފޮނުއްވި މެސެޖުގައި، ފެންބޮވި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވި ކަމަށެވެ.
އެ މެސެޖުގައި ރައީސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށާއި މީހުން ސަލާމަތް ކުރުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.
ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް، އެމީހުންގެ ކުރީގެ ދިރިއުޅުން އަވަސް މުސްތަގުބަލެއްގައި އަލުން އިއާދަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓެކްސަސްގެ މެދުތެރޭ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުގައި އޮންނަ ގުއާޑަލުޕޭ ކޯރު މިދިޔަ ހުކުރު ދުވަހު ބަންޑުން ވުމުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި އެ ހާދިސާގައި މިހާތަނަށް 67 މީހުން މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން މިހާތަނަށް 11 ކުއްޖަކު ގެއްލިފައިވާ ކަމަށާއި އެ ކުދީން ހޯދުމަށް ރެސްކިއު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމަށް ރެސްކިއު ޓީމުތައް ވައިގެ މަގުންނާއި އެއްގަމު މަގުން ހަރަކާތްތެރިވަމުން އަންނަ އިރު ގިނަ އަދަދެއްގެ ބަޔަކު ހިލޭސާބަހަށްވެސް އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހިނގި އެ ހާދިސާއާ ގުޅިގެން އިއްޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްސަސް ހިމެނޭ ސަރަހައްދަކީ ކާރިސާއެއް ކުރިމަތިވެފައިވާ ސަރަހައްދެއް ކަމަށް ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ.
ޓެކްސަސްގައި ފެންބޮޑުވުމުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ޔޫތު ކޭމްޕެއް ވެސް ކުރިޔަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނާއިރު މަރުވި މީހުނާއި ގެއްލުނު މީހުންގެ ތެރޭގައި ގިނައީ އެ ކޭމްޕުގެ ބައިވެރީންނެވެ.
ކޭމްޕުގައި ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް 850 މީހުން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް