ވަގަށް ނަގާފައިވާ ލޯ ނަރުތަކެއްކަމަށް ހީކޮށް ފުލުހުން އަތުލި ލޯ ނަރުތަކެއް ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކޯޓުން ބާތިލުކޮށްފިއެވެ.
މިއީ އާދަމް ޝަރީފް، އިރަމާގެ، އއ. މަތިވެރި، މީގެ އަށްމަސް ދުވަސްކުރިން ވައްކަންކުރިކަމުގެ ތުހުމަތުގައި، އާދަމް ޝަރީފް އެކި ފަރާތްތަކުގެ އަތުން ގަނެގެން ގެސްފައިވާކަމަށް ބުނާ ބާ ލޯނަރުތަކެއް ފުލުހުން ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އެ ލޯނަރުތައް ހޯދަން އަދި އެ ލޯނަރުތައް ހިފެހެއްޓުމުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ އިތުރުން މައްސަލަ ކޯޓަށް ހުށަހަޅަންދިޔަ ހަރަދު ފުލުހުންގެ އަތުން ހޯދަން ކުރި ދައުވާއެކެވެ.
އެ ދައުވާގެ ޖަވާބުގައި ދައުލަތް (ފުލުހުން) ވިދާޅުވެފައިވަނީ އާދަމް ޝަރީފް މައްސަލަ ހުށަހަޅާފައިވަނީ "އިހުތިލާފު އޮންނަ ބާވަތުގެ ދައުވާ ހުށަހަޅާ ފޯމު"އިން ކަމަށާއި މި މައްސަލައަކީ ޖުޑީޝަލް ރިވިއުގެ މައްސަލައެއްކަން ދައުވާއިން އެނގޭ ކަމަށެވެ. އަދި މި މައްސަލައަކީ ޖުޑީޝަލް ރިވިއުގެ ދައުވާއެއް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާތީ މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ.
ދައުލަތުން ވިދާޅުވީ މީހަކު ހުއްޓުވައި ބަލާއިފާސްކުރާ ހާލަތުގައި، ކުށެއް ކުރިކަމުގެ ތުހުމަތުގައި ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް ފެނިއްޖެ ނަމަ، ކޯޓު އަމުރެއްނެތި ވެސް އެ ފެނުނު އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށެވެ. އާދަމް ޝަރީފް އަތުން ބަލައިފާސްކޮށް ހިފަހައްޓާފައިވާ ތަކެއްޗަކީ ޖިނާއީ ތަހުގީގަކާ ގުޅިގެން ހިފަހައްޓާފައިވާ ތަކެތި ކަމަށާއި އަދި އެއީ ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށްޓަކައި ފުލުހުން ނިންމާފައިވާ އިދާރީ ނިންމުމެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ.
މި މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާކަމަށް ދައުލަތުން ފާހަގަކުރުމާ ގުޅިގެން އާދަމް ޝަރީފުގެ ފަރާތުން ރައްދުގައި އެއްވެސް ލިޔެކިޔުމެއް ހުށަހަޅައިފައި ނުވެއެވެ.
މި މައްސަލައިގައި ރައުޔު އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ގާޒީ ޒުލައިހާ ޝީޒާ ވިދާޅުވީ، ޖުޑީޝަލް ރިވިއު މައްސަލަތަކުގައި ބަލާނީ، ކަންކުރި ނުވަތަ ނިންމި ގޮތް އެއީ އެކަމުން ރަނގަޅު ނުވަތަ އެކަށޭނެ ނަތީޖާއެއް ނުކުންނަ ކަމެއް ނުވަތަ ނޫންކަމުގެ މައްޗަށް ނޫން ކަމަށެވެ.
ގާޒީ ވިދާޅުވީ ޖުޑީޝަލް ރިވިއުގައި ބަލާނީ އެ ނިންމުމެއް ނިންމި ގޮތުގެ ސަބަބުން ނުވަތަ ކަންކުރި ގޮތުގެ ސަބަބުން އިޖުރާއަތްތައް ރަނގަޅަށް ކުރިއަށް ގެންދެވިފައިވޭތޯ ކަމަށެވެ. ދައުލަތުން އަޅާ ފިޔަވަޅެއްގެ ސަބަބުން މީހެއްގެ ހައްގަށް އުނިކަމެއް ލިބިއްޖެނަމަ އެފަދަ ފިޔަވަޅެއް އަޅާފައިވަނީ ގާނޫނީ އިމުގެ ތެރެއިންތޯ ބަލައިދިނުމަށް ހުށަހަޅަންވާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުންކަމަށް ގާޒީ ވިދާޅުވިއެވެ.
އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވަނީ ފުލުހުން އޭނާގެ ލޯނަރުތަކެއް ހިފެހެއްޓި ކަމަށާއި އެ ދައުވާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން އެކަމަށް އިންކާރުކޮށްފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގައި ބަލަންޖެހެނީ ފުލުހުން އާދަމް ޝަރީފުގެ ލޯ ނަރުތަކެއް ހިފެހެއްޓީ ގާނޫނީ އިމުގެ ތެރެއިންތޯ ނުވަތަ ގާނޫނާ ހިލާފަށްތޯ ގާޒީ ވިދާޅުވިއެވެ. އާދަމް ޝަރީފުގެ ފަރާތުން އެދިފައިވާ ކަންކަމަށް ގޮތެއް ނިންމޭނީވެސް އެެއަށްފަހުކަމަށް ގާޒީ ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާއަކުން އަޅާ އިދާރީ ފިޔަވަޅެއްގެ ސައްހަކަމުގެ އަސާސްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ދައުވާއެއް ވާންޖެހޭނީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހަޅަންޖެހޭ ދައުވާއެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ގާޒީ ވިދާޅުވިއެވެ.
ޖުޑީޝަލް ރިވިއުގެ ދައުވާއެއް ހުށަހެޅުމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޮތް އިޖުރާއަތަކާއި، އިހުތިފާލު އޮންނަ ބާވަތުގެ ދައުވާއެއް ހުށަހެޅުމަށް އޮތް އިޖުރާއަތު އެ ގާނޫނުގެ ދަށުން ތަފާތުކޮށްފައިވާއިރު ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހަޅަންޖެހޭ ދައުވާއެއް އެނޫން ގޮތަކަށް ހުށަހަޅާފައިވާ ހާލަތަކީ ކޯޓުން އެ މައްސަލައެއް ބަލައިގެންނުވާނެ ހާލަތެއްކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރެއްވުމަށްފަހު ގާޒީ ހުކުމްކުރެއްވީ އާދަމް ޝަރީފް، ފުލުހުންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ ބަލައި، އެ އެ ދައުވާއާ މެދު ގޮތް ކަނޑައެޅުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، އާދަމް ޝަރީފު ހުށަހަޅާފައިވާ ދައުވާ ފޯމު ބާތިލުކޮށް ގަޒިއްޔާ ނިންމައިފިން ކަމަށެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް