އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ، ޕީއެސްޖީއާއި ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ޕީއެސްޖީން ސެމީ ޔަގީންކުރީ ރޭ މާސެޑޭޒް-ބެންޒް ސްޓޭޑިއަމްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ޕީއެސްޖީއަށް ދެ ރަތް ކާޑު ދެއްކި ނަމަވެސް، ބަޔާނަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ބަޔާނަށް މެޗުން އިތުރު މާޔޫސްކަމަކާވެސް ދިމާވިއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް، ބަޔާންގެ ޖަމާލް މުސިއާލާއަށް ބޮޑު އަނިޔާއެއް ވެ، ބަދަލުކުރަން ޖެހިފައިވެއެވެ. ފެނުނު ގޮތުގައި މުސިއާލާގެ ފައިގެ ކުޑަ ހުޅުން ވަނީ ބިންދައިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ހާފުވެސް ޝައުގުވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގެ ފެށުންވެސް ދިޔައީ ބެލުންތެރީންނަށް ޝައުގުވެރިކޮށެވެ. މުސިއާލާގެ އަނިޔާއާއެކު ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށުނުތަނާ ބްރެޑްލީ ބާކޯލާ ފޮނުވާލި ބާރު ހަމަލާ މަތަކުރީ މެނުއަލް ނޯޔާ އެވެ.

ޕީއެސްޖީން 78 ވަނަ މިނެޓުގައި ޑިސައިރޭ ޑޫއޯ ޖެހި ގޯލުން ލީޑު ނެގި ތަނާ، އެޓީމުގެ ޑިފެންޑަރު ވިލިއަމް ޕަޗޯއަށް ރަތް ކާޑު ދެއްކިއެވެ. އޭގެފަހުން 92 ވަނަ މިނެޓުގައި ލޫކަސް ހެނާންޑޭޒް އަށްވެސް ރަތް ކާޑު ދައްކާފައި އޮއްވާ ޕީއެސްޖީގެ ދެވަނަ ގޯލު ޖެހީ އުސްމާޑް ޑެމްބެލޭއެވެ.

ރެއާލް މެޑްރިޑުން ސެމީ ޔަގީންކުރީ ޑޯޓްމުންޑާ ދެކޮޅަށް މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި މެޗު، 3-2 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ކުރީކޮޅުގައި ރެއާލުން ދެ ގޯލު ޖެހިއެވެ. 10 ވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ރެއާލްގެ ގޯލުތައް ފެނިގެން ގޮސްފައިވާ އިރު، އެ ގޯލުތައް ޖެހީ ގޮންޒާލޯ ގާސިއާއާއި ފްރެންސިސްކޯ ގާސިއާއެވެ.

ގޮންޒާލޯ ގާސިއާ ވަނީ މިހާތަނަށް މިފަހަރުގެ މުބާރާތުގައި ހަތަރު ގޯލު ޖަހައިފައެވެ. އޭނާއަކީ މިހާތަނަށް ޓޮޕް ސްކޯރާވެސް މެއެވެ.

އެ ދެގޯލާއެކު ރެއާލުން ދެވަނަ ހާފަށް ނުކުތީ ހަމަޖެހިލައިގެން ނަމަވެސް، ޑޯޓްމުންޑުން ވާން ކުރިއެވެ. ފަހު ވަގުތުކޮޅު ރެއާލަށް އުނދަގޫވީ 92 ވަނަ މިނެޓުގައި މެކްސިމިލިއަން ބީއޭ ޑޯޓްމުންޑަށް ޖެހި ގޯލާއެކުގައެވެ.

އެ ގޯލަށް ދެމިނެޓް ފަހުން ބަދަލަކަށް ނުކުތް ކިލިއަން އެމްބާޕޭގެ ހިތްގައިމު އޯވަހެޑް ގޯލެއް ފެނުނު އިރު، އޭގެ އިރުކޮޅެއްފަހުން ޑިއާން ހުއިސެންއަށް ރަތް ކާޑު ދައްކައި، ޑޯޓްމުންޑަށް ޕެނަލްޓީއެއް ލިބުނެވެ.

ޑޯޓްމުންޑްގެ ސެރްހޫ ގުއިރާސީ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ރެއާލް ފަހުން ހިފަހައްޓާލިއެވެ. އެންމެ ފަހު ސިކުންތު ރެއާލްގެ ކީޕަރު ތީބޯ ކޯޓުއާ ވަނީ ތަފާތު ސޭވެއް ކޮށް، އެޓީމު ސަލާމަތްކޮށްދީފައެވެ.