އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ މެންބަރު މުހައްމަދު އާސިފް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ނިންމި ނިންމުން ބެލުމުގެ އިހުތިސޯސް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އާސިފް، އީސީގެ މެންބަރުކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 25 ނޮވެމްބަރ 2024 ގަ އެވެ. ނަމަވެސް އާސިފް ވަނީ މަޖިލީހުގެ އެ ނިންމުން ބަލައި ނުގަނެ، މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ، މިނިވަން ޑިމޮކްރެޓިކް ނިޒާމުތަކުން ބަލައިގެންފައިވާ އުސޫލުތަކާއިި ނެޗުރަލް ޖަސްޓިސްގެ ހަމަތަކުގެ ބޭރުންކަން ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގައި، މަޖިލީހާ ދެކޮޅަށް ދައުވާކޮށްފައެވެ.
އާސިފް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިއަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ.
އާސިފް ފަރާތުން ވިދާޅުވެފައިވަނީ މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވާ ޣައިރުދުސްތޫރީ ނިންމުމުގެ ސަބަބުން، އަބުރު ރައްކާތެރިކުރުމުގެ ހައްގުން މަހުރޫމްވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ޝަރީއަތް މެދުވެރިކޮށް ހައްލުކުރުމަށްޓަކައި ވަކީލެއްގެ އެހީ ހޯދަން ޖެހުމުން، ވަކީލު ފީވެސް މަޖިލީހުން ނަގައިދޭން އެދޭ ކަމަށެވެ.
އެ ދައުވާއާ ގުޅިގެން މަޖިލީހުގެ ފަރާތުން ބުނެފައިވަނީ އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. މަޖިލީހުގެ ފަރާތުން ބުނެފައިވަނީ މި މައްސަލައަކީ މަޖިލީހުގެ ނިންމުމަކަށް ޗެލެންޖުކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި މަޖިލީހުގެ ނިންމުންތަކަކީ އެ ނިންމުންތަކާ ގުޅިގެން ޗެލެންޖު ކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް މަޖިލީހުގެ ފަރާތުން ބުންޏެވެ.
މަޖިލީހުން އިތުރަށް ބުނީ އާސިފްގެ ފަރާތުން ހުށަހަޅާފައިވާ ޖުޑީޝަލް ރިވިއުގެ ދައުވާ ހުށަހަޅާ ފޯމުގައި ދައުވާ ލިބޭ ފަރާތަކީ "ރައްޔިތުންގެ މަޖިލީހުގެ އިދާރާ" ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ، ރައްޔިތުންގެ މަޖިލީހާ ވަކިން އުފައްދާފައިވާ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އުފައްދާފައިވާ ޕާލިމެންޓްރީ ސާވިސްއެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ގާނޫނުއަސާސީގެ ދަށުން ނުވަތަ އޭނޫން ގާނޫނެއްގެ ދަށުންވެސް ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ނިންމުންތައް ނިންމާ ފަރާތެއް ނޫންކަމަށް މަޖިލީހުގެ ފަރާތުން ބުންޏެވެ.
އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރައްދުވާ ގޮތަށް ދައުވާކޮށްގެން ޗެލެންޖު ނުކުރެވޭނެކަމަށް މަޖިލީހުގެ ފަރާތުން ބުންޏެވެ. އެކަން ފާހަގަކޮށް މަޖިލީހުން އެދިފައިވަނީ މި މައްސަލައިގެ ކުރިއަށް ނުގެންގޮސް ދައުވާފޯމު ބާތިލުކޮށްދިނުމަށެވެ.
މަޖިލީހުގެ އެ ވާހަކަތަކާ ގުޅިގެން އާސިފްގެ ފަރާތުން ވިދާޅުވެފައިވަނީ ދައުލަތުގެ ކޮންމެ ބާރަކުން ހިންގާކަމެއް ނުވަތަ އިޖުރާއަތެއްކަމުގައިވިޔަސް، އެ އިޖުރާއަތެއް ނުވަތަ އެކަމެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގަކާ ހިލާފު ކަމަށްބުނެ ހުށަހަޅާ ޖުޑީޝަލް ރިވިއުތައް ކޯޓުތަކަށް ބެލޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
ގާނޫނުގެ ހެދުމުގެ ބާރުން ކަމެއް ކޮށްފައިވަނީ ގާނޫނުއަސާސީއާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ފުރިހަމަ ބާރު ކޯޓުތަކަށް ލިބިގެންވާކަން ކަށަވަރުކޮށްދެނީ "ރޫލް އޮފް ލޯ"ގެ މަބްދައުކަމާއި ރޫލް އޮފް ލޯ އިން އެކްޝަންގެ އެންމެ ރަނގަޅު މިސާލުތަކަކީވެސް ގާނޫނުތަކާއި ދައުލަތުގެ ރަސްމީ ނިންމުންތައް ދުސްތޫރީގޮތުން ސައްހަކަން ބެލުމަށް ޖުޑީޝަލް ރިވިއުކުރުންކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުން ގަޒިއްޔާއިން ކަނޑައަޅާފައިވާކަމަށް އާސިފް ފަރާތުން ވިދާޅުވިއެވެ.
ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެއްސެވުމަށްފަހު މި މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި މައްސަލަ ބެއްލެވި އިސް ގާޒީ މަރްޔަމް ވަހީދު ވިދާޅުވީ ގާނޫނުއަސާސީގެ 88 ވަނަ މައްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު މަޖިލީހުގެ އެއްވެސްކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށެވެ.
ނަމަވެސް އެ އިސްތިސްނާ މަޖިލީހަށް ލިބިގެންވަނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ހިނގާފައިވާ ކަމުގައިވާނަމަ ކަމަށް ގާޒީ ވިދާޅުވިއެވެ. ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުން އަމަލު ނުކުރާހާ ހިނދަކު އެ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެއްވެސް ކޯޓަށް ލިބިގެން ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ކޯޓަށް ހުށަހެޅޭ މިބާވަތުގެ މައްސަލައެއްގައި ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލާއިރު ރިއާޔަތްކުރަންވާނީ، ރައްޔިތުންގެ މަޖިލީހުގެ އަމަލެއް ސީދާ ގާނޫނުއަސާސީއާ ހިލާފުވާކަމަށް ގުޅުވައިދޭކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ހިނގާކަމެއްގެ ސަބަބުން އެކަމުގެ ނަތީޖާ ނިކުތުމުގެ އިހުތިމާލު އޮތް ހާލަތެއްގައި، ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ނަތީޖާއެއް ނިކުންނާނެކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތުމުގެ މައްޗަށް" ގާޒީ ވިދާޅުވިއެވެ.
ހިޔާލު ތަފާތުވުމެއްގެ މައްޗަަށް ބިނާވެގެން ހުށަހަޅާ މައްސަލަތަކާއި، ކޯޓުތަކަށް ހައްލެއް ނުދެވޭނެ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަލައަކަށްވާ މައްސަލަތައް ބަލައިގަނެގެން ނުވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މަޖިލީހުން، އާސިފްގެ މައްސަލަ ބަލަން ފެށުމުން، އީސީގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތުއާ ގުޅިގެން ސުލޫކީ މިންގަނޑާ ހިލާފަށް ކުރި އަމަލަކީ ކޮބައިކަން ސާފުކޮށްދިނުމަށާއި ދިފާއު ހުށަހަޅާއިރު އެ މައުލޫމާތު ބޭނުންވާނެ ކަމަށާއި ނަމަވެސް މަޖިލީހުން އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާކަމަށް އާސިފް ފަރާތުން ވިދާޅުވި ކަމަށެވެ. އެހެންވެ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގުން މަހުރޫމްވިކަން އާސިފްގެ ފަރާތުން ފާހަގަކުރައްވާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
އީސީގެ މެންބަރަކު މަގާމާ އެކަށީގެން ނުވާ ފަދަ ކަމެއްކުރިކަމަށް ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވެ މެންބަރުގެ އަޣުލަބިއްޔަތުން ފާސްކުރެވިދާނެކަމަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާ ބަޔާންކުރާކަމަށް ގާޒީ ވިދާޅުވިއެވެ.
މަޖިލީހުން އާސިފް މަގާމުން ވަކިކުރަން ފާސްކުރި މައްސަލަ ޖުޑީޝަލް ރިވިއުކޮށްދިނުމަށް އޭނާގެ ފަރާތުން އެދިފައިވަނީ އީސީގެ ފަރާތުން އާސިފްއާ ގުޅޭ މައްސަލައެއް ބަލަމުން ނުދާކަން ބަޔާންކޮށް ސިޓީއެއް ފޮނުވާފައިވާތީކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އީސީގެ މެންބަރުކަމުން އާސިފް ވަކިކުރީ ކޮރަޕްޝަނާއި، ރިޔާސީ އިންތިހާބެއްގައި ނަތީޖާ ވަކި ސިޔާސީ ޕާޓީއަކަށް ފައިދާހުރި ގޮތަށް ބަދަލުކުރަން އުޅުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ކަމުގައިވިޔަސް ފުލުހުން އެފަދަ މައްސަލައެއް ބަލަމުން ނުދާކަމަށް ބުނެ ފޮނުވި ސިޓީއަކާ ގުޅިގެންކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އެފަދަ މައްސަލައެއް ބަލަމުން ނުދާކަން އަންގާފައިވާތީ ކަމަށެވެ.
އާސިފް ފަރާތުން އެދެނީ އެ ލިޔުންތަކަށް ރިއާޔަތްކޮށް މަޖިލީހުން އޭނާ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދިނުމަށްކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް އާސިފްގެ ފަރާތުން ހުށަހެޅި ދައުވާ ފޯމުގައި މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނުއަސާސީއާއި އިޖުރާއަތްތަކާ ހިލާފަށްކަން ދައްކުވައިދޭ އެއްވެސްކަމެއް ފާހަގަކޮށްފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރެއްވުމަށްފަހު ގާޒީ ހުކުމްކުރެއްވީ އާސިފް މަގާމުން ވަކިކޮށްފައިވާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ.
މަޖިލީހުން ނިންމާ ނިންމުމެއްގެ ސައްހަކަން ބެލުމުގެ ގޮތުން ކޯޓަށް ހުށަހެޅޭނެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރަން މަޖިލީހުން ނިންމާ ނިންމުންތަކާމެދު ހިލާފު އުފެދޭ ހާލަތްތަކުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާމެދު ސުވާލު އުފެދޭ މައްސަލަތައް ކަމަށެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް