އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމުންޑުން ހޯދައިފިއެވެ.
ރެއާލުން ރޭ މިއާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޔުވެންޓަސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖު ފެށުމުގައި ރެއާލަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ދިމާވި ނަމަވެސް، މިހާރު އެޓީމުން ދަނީ އާ ކޯޗު ޒަބީ އެލޯންސޯގެ ފޯމެޓަށް ހޭނަމުންނެވެ.
ރޭގެ މެޗަށްވެސް އެލޯންސޯ ނެރުނީ ތިން ސެންޓަ ބެކުން ހިމެނޭ ފޯމޭޝަނަކަށެވެ. 5-3-2 ގެ ސިސްޓަމަކަށް ރެއާލުން މެޗަށް ނުކުމެފައިވާ އިރު، ފުރަތަމަ ކޮޅުގައި އެޓީމަށް އުނދަގޫތަކެއްވެސް ދިމާވިއެވެ.
އެގޮތުން ޔުވެންޓަސްއިން ބައެއް ފުރުސަތުތައް ފަހިކުރިއެވެ. ރަންޑަލް ކޯލޯ މުއާނީއާއި ކެނާން ޔިލްޑީޒް ހޯދި ފުރުސަތުތަކުގެ ބޭނުން ނުހިފި ރެއާލަށް ދިޔަ އިރު، ރެއާލުން ފުރަތަމަ ހޯދި ފުރުސަތުގައި ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ.
އޭގެ އިތުރުންވެސް ޔުވެންޓަސްގެ ގޯލްކީޕަރު މައިކަލް ޑި ގްރެގޯރިއޯ ވަނީ ދެވަނަ ހާފު ކުރީކޮޅުގައިވެސް ބެލިންހަމް އަދި ޑީން ހުއިސެން އުފެއްދި ހަމަލާތައް މަތަކޮށްފައެވެ.
ރެއާލުން ދެވަނަ ހާފުގައި ގޯލު ޖެހީ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ. އެ ހުރަސް ގޯލަށް ވައްދާލީ ގޮންޒާލޯ ގާސިއާއެވެ.
ރެއާލުން ކުއާޓާގައި ނުކުންނާނީ ޑޯޓްމުންޑާ ދެކޮޅަށެވެ. ޑޯޓްމުންޑް ރޭ އެޓަލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި މޮންޓެރޭ ބަލިކުރީ 2-1 އިންނެވެ.
ޑޯޓްމުންޑްގެ ދެގޯލުވެސް މެޗުގައި ޖެހީ ސެރްހޫ ގުއިރާސީއެވެ. މިންޓެރޭގެ ގޯލު ޖެހީ ގާމަން ބާޓެރާމޭއެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް