ޗެލްސީގައި ހުރި ސްޕެއިންގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ، އާސެނަލަށް ސޮއިކޮށްފިއެވެ.

ޗެލްސީއަށް ކެޕާ ދިޔައީ އެތުލެޓިކް ބިލްބާއޯއިންނެވެ. އެއީ 2018 ވަނަ އަހަރު 71 މިލިއަން ޕައުންޑްގެ އަގަކަށެވެ. ކެޕާއަކީ އަދިވެސް ދުނިޔޭގެ ތާރީހުގައި އެންމެ އަގުބޮޑު ގޯލްކީޕަރެވެ. ޗެލްސީއާއެކު ކެޕާ ވަނީ 2019 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށް، އޭގެ ދެ އަހަރު ފަހުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ޗެލްސީއާއެކު 2022 ވަނަ އަހަރު ކްލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކުރި ކެޕާ، ފުރަތަމަ ކޮޅުގައި ޗެލްސީގެ ފުރަތަމަ 11 އިން ޖާގަ ހޯދަމުން ދިޔަ ނަމަވެސް، މިދިޔަ ދެ ސީޒަން އޭނާ ހޭދަ ކުރީ ލޯނުގައެވެ.

އެއީ ރެއާލް މެޑްރިޑާއި ބޯންމައުތުގައެވެ. މިދިޔަ ސީޒަނުގައި އޭނާއަކީ ބޯންމައުތުގެ އެއް ނަންބަރު ގޯލްކީޕަރެވެ. ކެޕާ ވަނީ މިދިޔަ ސީޒަނުގައި 20 މެޗު ކުޅެފައެވެ.

ޗެލްސީއާއެކު ކެޕާ ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް، އާސެނަލުން އޭނާ ގެންދިޔައީ ހަ މިލިއަން ޕައުންޑްގެ ރިލީސް ފީއެއް ދައްކައިގެންނެވެ. ނޫސްތަކުން ބުނީ ކެޕާ އާސެނަލަށް ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.