ދުނިޔޭގެ ގިނަބަޔަކު ދަތުރުފަތުރު ކުރުމަށާއި މަންޒިލް ހޯދުމަށް މިހާތަނަށް ބަރޯސާކުރަމުން އައި ނިޒާމަކީ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް، ޖީޕީއެސްއެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާގެ ބޭނުމަށް ވުޖޫދުކޮަށްފައިވާ ޚާއްސަ ނިޒާމެކެވެ. އެމެރިކާ ނޫން ފަރާތްތަކަށް މިނިޒާމު ބޭނުންކުރުން ހުއްދަވެ މުޅިދުނިޔެއަށް އާއްމުވެގެން ދިޔައީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ. ކޮންމެ ބަޔަކު ކޮންމެ ތަނެއްގައި ޖީޕީއެސް ބޭނުންކުރިއަސް އޭގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ އެމެރިކާގެ އަސްކަރިއްޔާއަށެވެ. އެހެންވީމާ ބޭނުންއިރަކު ނިޒާމު ގަޑުބަޑުކޮށް ހުއްޓުވައި އެމެރިކާ ބޭނުންވާ ބަޔަކަށް ކެހިދިނުމަކީ އާއްމުކޮށް ކުރާކަމެކެވެ. ފަހަކަށްއައިސް މިގޮތަށް އެންމެ ގިނައިން ކެހި ދެމުންއައީ އީރާނަށެވެ. އީރާނުގެ އާގުބޯޓުފަހަރާއި މަތިންދާބޯޓާއި މިސައިލްތަކާއި އެއްގަމު އުޅަނދުތަކާއި މިހެންގޮސް ހުރިހާ އެއްޗެއްވެސް ބަރޯސާކުރަމުން އައީ މިދެންނެވި ޖީޕީއެސް ނިޒާމަށެވެ. އެމެރިކާއިން އީރާނަށް ކެހިދިނުން ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން އެންމެފަހުން އީރާން ވަނީ ޖީޕީއެސް ދޫކޮށްލައިފައެވެ.

އީރާން މިހާރުވަނީ ރަސްމީކޮށް ޖީޕީއެސް ބޭނުންކުރުން ހުއްޓާލައި ޗައިނާއިން ދާދިފަހުން ވުޖޫދުކޮަށްފައިވާ ބެއިޑޫ ސިސްޓަމް ބަލައިގަނެ އީރާނުގެ ސަރަހައްދުގައި އެ ސިސްޓަމް އެކްޓިވޭޓްކޮށްފައެވެ. އީރާނުގައި ޖީޕީއެސް ސިގްނަލް ބްލޮކްކޮށް ޗައިނާގެ ބެއިޑޫ ސިސްޓަމް އެކްޓިވޭޓް ކުރުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑު ކަމެކެވެ. އެއީ އެމެރިކާގެ ބާރާއި ނުފޫޒުން ނެއްޓި މިނިވަން ވުމެކެވެ. އީރާނަކީ ފާއިތުވި 46 އަހަރުގެ ތެރޭގައި އެމެރިކާގެ ހަތުރަކަށްވިޔަސް އީރާނުގެ ދަތުރުފަތުރާއި މަންޒިލް ހޯދުމުގެ ކެރިކުޅަދާނަކަން އޮތީ ޖީޕީއެސް ނިޒާމުގެ ތެރެއިން އެމެރިކާގެ މުށުތެރޭގައެވެ. ޖީޕީއެސްއަށް ނޫނެކޭ ބުނެފައި އީރާނުން އެންމެފަހުން ބަލައިގަތް ބެއިޑޫ ސިސްޓަމަކީ ހުރިހާ ގޮތަކުންވެސް ޖީޕީއެސްއަށްވުރެ ފުރިހަމަ ނިޒާމެކެވެ. މާބޮޑަށްވެސް އިތުބާރު ހިފޭ ނިޒާމެކެވެ. އެއްވެސް އަސްކަރިއްޔާއަކަށް ގަޑުބަޑުކުރެވޭ ނިޒާމެއް ނޫނެވެ. މިނިޒާމު މުޅި ދުނިޔެއަށް ހުޅުވާލެވިފައިވަނީ މީގެ ފަސް އަހަރު ކުރިން 2020 ވަނަ އަހަރުގެ ތެރޭގައެވެ.

މިކަހަލަ ނިޒާމެއް ޗައިނާއިން ވުޖޫދުކުރަން ޖެހުނީވެސް އެމެރިކާގެ ދުއްތުރާތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޗައިނާގެ ގައުމީ ސަލާމަތާއި މަސްލަހަތަށް ވިސްނައިފައެވެ. މިއީ ގާތްގަނޑަކަށް ތިރީސް އަހަރުގެ މަސައްކަތުން ޗައިނާއިން ފުރިހަމަކޮށްފައިވާ ނިޒާމެކެވެ. ޗައިނާގެ އަމިއްލަ ނެވިގޭޝަން ސިސްޓަމެއް ތަރައްގީކުރަން ޖެހުނީ މައިގަނޑު ދެ ހާދިސާޔަކާ ގުޅިގެންނެވެ. އެއްހާދިސާއަކީ އީރާނަށް މުދާހިފައިގެން 1993 ވަނަ އަހަރު ދަތުރުކުރި ޗައިނާގެ އާގުބޯޓެއް ކަމަށްވާ ޔިންހޭއަށް އިންޑިޔާކަނޑުގައި އެމެރިކާއިން ހުރަސްއަޅައި ޖީޕީއެސް ސިގްނަލް ބްލޮކްކޮށް ދަތުރު އޮޅުވާލުމުގެ ހާދިސާއެވެ. މިކަންކުރީ މިބޯޓަކީ އީރާނަށް މަނާ ހަތިޔާރު އުފުލާ ބޯޓެއް ކަމަށް ތުހުމަތުކޮށްފަައެވެ. އެންމެފަހުން އެމެރިކާ ސިފައިން މިބޯޓަށް އަރައި ފާސްކޮށް ބަލައިގެންވެސް އެބުނާ މަނާ ހަތިޔާރެއް، މަނާ ކެމިކަލެއް ނުފެނުނެވެ. އެވަރުންވެސް މާފަކަށް ނޭދެއެވެ. ބުންޏެވެ. ލިބުނު ޖާސޫސީ މައުލޫމާތެއްގެ އަލީގައި ކުރިކަމެކެވެ. އެހެންވީމާ މާފަކަށް ނޭދޭނަމެވެ. އެދޭކަށް ނުވެސް ޖެހެއެވެ.

އަނެއް ހާދިސާއަކީ 1996 ވަނަ އަހަރު ޓައިވާނުގެ އައްސޭރީގައި ޗައިނާއިން ހިންގި އަސްކަރީ ހަރަކާތްތަކަަށް އެމެރިކާއިން ހުރަސްއެޅުމުގެ ހާދިސާއެވެ. އެމެރިކާއިން ޗައިނާގެ އުޅަނދުތަކާއި މަތިންދާބޯޓުފަހަރުގެ ނެވިގޭޝަން ގަޑުބަޑުކުރީއެވެ. ޖީޕީއެސް ބްލޮކްކުރީއެވެ. އެހިސާބުން ޗައިނާއިން ނިންމީ އެހެން ބަޔަކަށް ބަރޯސާކުރަން ނުޖެހޭ މާފުރިހަމަ ސެޓެލައިޓް ނެވިގޭޝަން ނިޒާމެއް ވުޖޫދު ކުރުމަށެވެ. މިދެންނެވި މަގުން ޗައިނާއިން ވުޖޫދުކުރި ބެއިޑޫ ނެވިގޭޝަން ސިސްޓަމް މިއަދު ބޭނުން ކުރަނީ ޗައިނާއާއި އީރާން އެކަންޏެއް ނޫނެވެ. އިތުރު އެތައް ގައުމަކުންވެސް ބޭނުންކުރެއެވެ. މިހާރު އެންމެންވެސް އިއްތިފާގުވާ ގޮތުގައި ބެއިޑޫ ސިސްޓަމަކީ ޖީޕީއެސްއަށްވުރެ މާފުރިހަމަ މާއިތުބާރު ނިޒާމެކެވެ. އެހެންވީމާ ހަލުވިކަމާއެކު ގިނަބަޔަކު ދަނީ ޖީޕީއެސްއާ ދުރަށްޖެހި ބެއިޑޫ ސިސްޓަމް އިޚުތިޔާރު ކުރަމުންނެވެ. އެމެރިކާގެ ޖީޕީއެސްއަށް ގިނަބަޔަކު ނޫނެކޭ ބުނެ އެއާ ދުރަށް ޖެހެމުންދަނީ ހަމައެކަނި ބެއިޑޫ ސިސްޓަމްގެ ފުރިހަމަ ކަމަށްވުރެ ބޮޑަށް އެހެން ސަބަބެއްވެސް އޮވެގެންނެވެ.

އެސަބަބަކީ އެމެރިކާއަށް އިތުބާރު ނުކުރެވުމެވެ. އެމެރިކާއަކީ އިތުބާރުކުރެވޭ ބާރެއް ނޫނެވެ. ޒިންމާދާރުކަމާއެކު ހަރަކާތްތެރިވާ ބާރެއްވެސް ނޫނެވެ. މިކަން ދެވަނަ ބޮޑުހަނގުރާމަ ނިމުނުފަހުން ފާއިތުވެގެންދިޔަ 80 އަހަރުގެ ތެރޭގައި ކިތަންމެހައިވެސް ސާފުކޮށް ވަނީ ފެނިގެންގޮސްފަައެވެ. އެމެރިކާއަށްވުރެ ގިނައިން ދުނިޔޭގެ އެކި ގައުމުތަކަށް އަރައިގަތް ދައުލަތެއް ނެތެވެ. އެމެރިކާއަށްވުރެ ގިނައިން ދުނިޔޭގެ އެކިގައުމުތަކަށް ބޮންއެޅި ގައުމެއްވެސް ނެތެވެ. ދުނިޔޭގެ ކޮންމެ ދެ ގައުމަކުން އެއްގައުމަކީ މިދެންނެވި މުއްދަތުގެ ތެރޭގައި ކޮންމެވެސް އެއްސިފައެއްގައި އެމެރިކާގެ އުދުވާންތަކާ ކުރިމަތިލާން ޖެހުނު ގައުމެކެވެ. ކުޑަކޮށް ހަނދާންތައް އައުކޮށްލަމާބަހީއެވެ. ޔޫރަޕުން ބޮސްނިޔާއާއި ސާރބިޔާގައި އެމެެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަން ހަނދާނުން ކެހިގެންދާހައި ގިނަދުވަހެއް އަދި ނުވެއެވެ. ސާބިޔާގެ ބަލްގްރޭޑުގައި ހުންނަ ޗައިނާގެ އެމްބަސީއަށް އެމެރިކާއިން ބޮންއެޅި ހާދިސާ ހަމަގައިމުވެސް ޗައިނާގެ ރައްޔިތުން ހަނދާނެއް ނުނެތޭނެއެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން ކޮންގޯއާއި ސޮމާލިއާ އަދި ލީބިޔާގައި ހިންގި ކަންކަމަކީ އިހަށްދުވަހުގެ ކަންކަމެވެ. އޭޝިއާ ބައްރުން ކޮރެޔާ، ވިއެޓްނާމް، ލާއޯސް، އަފްޣާނިސްތާނު، އިރާގު، ސީރިޔާ އަދި ޔަމަނުގައި ހިންގި ކަންކަން ފާހަގަކުރެވޭއިރު ހަމަގައިމުވެސް އީރާނަށް ބޮންއެޅި އެޅުން މިވަގުތު އެންމެންގެ ހަނދާނުގައިވެސް ތާޒާކޮށް ހުންނާނެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދައުވާކުރާ އެމެރިކާގެ ހާލަތެވެ. އެހެންވީމާ އެމެރިކާއަށް އިތުބާރުކުރެވޭނީވެސް އަދި އިތުބާރުކުރަން ހެޔޮވާނީވެސް ކޮންގޮތަކުން ހެއްޔެވެ. މިހުރިހާ ދުވަހު ގިނަބަޔަކު ތުން ފިއްތައިގެން ތިބީ އެހެން ގޮތެއް ނެތިގެންނެވެ. މިހާރު އެކަން ބަދަލުވެއްޖެއެވެ. ޗައިނާ ކުރިއަރައިގެން އައިސް އެމެރިކާއާ ހަމަކޮށްފިއެވެ. ބައެއް ކަންކަމުގައި އެމެރިކާއަށްވުރެވެސް ކުރިއަށް ޖެހިލައިފިއެވެ. އެހެންވީމާ ގައުމަކަށްފަހު ގައުމެއް އެދަނީ އެމެރިކާގެ ކަސްތޮޅުން ނެއްޓި ޗައިނާއާ ދިމާލަަށް އެނބުރެމުންނެވެ.

މިއަދުގެ ޗައިނާއަކީ އެމެރިކާ ހިތަށް އެރީމާ އާގުބޯޓުފަހަރު ހިފަހައްޓައި ފާސްކުރެވޭނެ ގައުމެއް ނޫނެވެ. އަދި އެމްބަސީއަކަށް ބޮންއެޅޭނެ ގައުމެއްވެސް ނޫނެވެ. އެކަން މާޒީއާއެކުވެގެން ހިގާއްޖެއެވެ. ކޮންމެއަކަސް މިހާރު ދުނިޔެ މިއޮތީ ޑިޖިޓަލް ގޮތުން ދެ ނިޒާމަކަށް ބެހިފައެވެ. އެއް ނިޒާމަކީ އެމެރިކާގެ ނިޒާމެވެ. އަޅުވެތިކަމުގެ ނިޒާމެވެ. އަނެއް ނިޒާމަކީ ޗައިނާގެ ނިޒާމެވެ. ޒަމާނީ ހުރިހާ ފުރިހަމަކަމެއް ލިބިގެންވާ ނިޒާމެވެ. މިހިސާބަށް ކަންކަން ދިޔައީމާ ދުނިޔޭގައިވާ ހަމައެކަނި ސުޕަރ ޕަވަރަކީ އެމެރިކާއޭ ބުނެވޭނެ ހެއްޔެވެ. ނުބުނެވޭނެއެވެ. ދުނިޔޭގެ ލީޑަރަކީ އެމެރިކާއޭ ބުނެވޭނެ ހެއްޔެވެ. ނުބުނެވޭނެއެވެ. ދުނިޔޭގެ ލީޑަރޝިޕް އެމެރިކާގެ މުށުތެރެއިން ދޫވެގެން ދިޔައީ އެމެރިކާގެ އަމަލުތައް ހުރިގޮތުންނެވެ. ހަންމުށީގެ ބާރުން ކަންކަން ނިންމުމުގެ އާދައިގެ ސަބަބުންނެވެ. ޗައިނާ ތަފާތެވެ. ވަރަށް ތަފާތެވެ. ޗައިނާއިން ކަންކަން ކުރަނީ ޑިޕްލޮމަސީގެ ރިވެތި އާދަތަކުގެ ތެރެއިންނެވެ. ގަދަބާރު ދެއްކުމެއްނެތި ރިވެތި މަގުންނެވެ.