ފަނޑިޔާރުކަމުން ވަކިވުމަށްފަހުގައި ވެސް އާއިލާ ހިމެނޭހެން އެމީހެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.

އެ ބިލުގައި ފަނޑިޔާރުން އަދި މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ފަރާތްތަކުގެ މަލީ ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަން އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ.

ފަނޑިޔާރުގެ ގާނޫނުގެ 68 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ތިން ހާލަތެއްގައި ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ. އެއީ:

  • ފަނޑިޔާރަކު މަގާމާ ހަވާލުވިއިރު އޭނާގެ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި ދަރަނީގެ ހިސާބުތައް މަގާމާ ހަވާލުވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހޭނެ
  • ފަނޑިޔާރަކު މަގާމުގައި ދެމި ހުރިހާ ހިނދަކު ކޮންމެ އަހަރަކު ވެސް އެ ތަފްސީލުތައް ހިމެނޭ މަލީ ބަޔާން ޖޭއެސްސީއަށް ހުށަޅަން ޖެހޭނެ
  • އެއްވެސް ސަބަބަކާހުރެ އެ މަގާމުން ވަކިވުމަށް ފަހު ނުވަތަ އިސްތިއުފާދިނުމަށް ފަހު، މަގާމުން ވަކިވިއިރު ހުރި އާމްދަނީ އާއި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ތަފްސީލުތައް، މަގާމުން ވަކިވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހޭނެ

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އެ ތިން ހާލަތުގައި ވެސް މަލީ ބަޔާން ހުށަހަޅާ އިރު، އެ މީހަކު ކައިވެނިކޮށްގެން އުޅޭ މީހާ އާއި އޭނާގެ ސީދާ ބެލުމުގެ ދަށުގައިވާ ދަރިން އަދި ބަލަހައްޓާ އެހެން ފަރާތެއް ހުރި ނަމަ، އެ ފަރާތްތަކުގެ މާލީ ހިސާބުތައް ހުށަހަޅަން ޖެހޭނެއެވެ. އެއީ މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ނޫނެވެ.

އެ މާއްދާ މިހާރު އޮންނަ ގޮތުން ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަހަރަކު އެއްފަހަރެވެ. އަދި މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅާކަށްވެސް ނުޖެހެއެވެ.