އެމެރިކާގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕުގެ ގަދަ 16 ގައި މިރޭ ޕީއެސްޖީން ކުޅުނު މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެމުންދާ އެމެރިކާ ލީގުގެ އިންޓަ މިއާމީ ބަލިކޮށްފިއެވެ.
އެޓަލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން އިންޓަ މިއާމީ ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗަށް ނުކުތްއިރުވެސް ފެވަރިޓުންގެ ގޮތުގައި ޕީއެސްޖީ އޮތް އިރު، އެޓީމު ފެނުނީ މާ ބޮޑަށްވެސް ޑޮމިނޭޓް ކޮށްގެން ކުޅުނުތަނެވެ. މެޗުގެ ކުރީކޮޅުގައި އޭޓީމުން ވަނީ ލީޑުވެސް ނަގައިފައެވެ. ވިޓީނިއާގެ ހިލޭ ޖެހުން ގޯލަށް ވައްދާލީ ޖާއޯ ނެވޭސްއެވެ.
އޭގެފަހުންވެސް ޕީއެސްޖީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ގޮސް، 39 ވަނަ މިނެޓުގައި ރީތި ގޯލެއް ޖެހިއެވެ. މެދުތެރެއިން ފަބިއަން ރުއިޒާއި ބްރެޑްލީ ބާކޯލާގެ ރަނގަޅު ޕާސްތަކަކާއެކު ތަނަވަސްކުރި ފުރުސަތުގައި ދެވަނަ ގޯލުވެސް ޖެހީ ޕޯޗުގަލްގެ ނެވޭސްއެވެ.
އެ ގޯލަށްފަހުވެސް ޕީއެސްޖީ ހިފަހައްޓަން އިންޓަ މިއާމީއަކަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ހާފު ނިމުމުގެ ކުރިން ޕީއެސްޖީ ވަނީ ފެންވަރު ދައްކާލައި، އިތުރު ދެ ގޯލު ޖަހައިފައެވެ.
ޑިސައިރޭ ޑޫއޯގެ ހުރަހެއް އިންޓަ މިއާމީގެ ތޯމަސް އަވީލޭސް ފައިގައި ޖެހި ބައިކޮޅަށް ވަދެފައިވާ އިރު، އަނެއް ގޯލަކީ އަޝްރަފު ހަކީމީގެ ހިތްގައިމު ނިންމާލުމަކުން ޖެހި ގޯލެކެވެ.
ދެވަނަ ހާފުގައިވެސް ޕީއެސްޖީން ހަމަލާތައް އުފެއްދި އިރު، މަދުވީ އިތުރު ގޯލެކެވެ. އަނެއްކޮޅުން އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީއަށް ދެތިން ފުރުސަތެއް ލިބި، މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ.
ޕީއެސްޖީން ކުއާޓާގައި ވާދަކުރާނީ ބަޔާން މިއުނިކާއި ފްލަމެންގޯ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް