ޔޫއެފާ 21 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންކަން އަނެއްކާވެސް އިންގްލެންޑުން ހޯދައިފިއެވެ.

ސްލޮވާކިއާގެ ގައުމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑުން ޖަރުމަނު ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އިންގްލެންޑް މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގައެވެ. އިތުރު ވަގުތަށް މެޗު ދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވުމުންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި އިންގްލެންޑުގެ ފުރަތަމަ ގޯލު ޖެހީ ހާވީ އެލިއޮޓެވެ. އޭނާ މުބާރާތުގައި ޖެހި ފަސްވަނަ ގޯލާއެކު އިންގްލެންޑުން ލީޑު ނަގައި، ހާފުގެ މެދާ ހަމައިން އިތުރު ގޯލެއް ވެސް ޖެހިއެވެ. އެ ގޯލު ޖެހީ އޮމާރީ ހަޗިންސަން އެވެ.

އޭގެ ފަހުންވެސް އިންގްލެންޑުން އެލިއޮޓާއި ހަޗިންސަން އަދި ޖޭމްސް މެކަޓީގެ ހަމަލާތައް ޖަރުމަނުގެ ކީޕަރު ނޯއާ އަތުބޮލޫ މަތަކުރާން ޖެހުނެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖަރުމަނުން ފަރަގު ކުޑަކުރިއެވެ. އެ ގޯލު ޖަހައިދިނީ ނެލްސަން ވީޕާއެވެ. އެ ގޯލާއެކު ޖަރުމަނުން ހިތްވަރު ހޯދައި، ދެވަނަ ހާފުގެ ތެރެއިން މެޗު އެއްވަރުކުރިއެވެ. ޕައުލް ނެބެލްގެ އެ ގޯލުން ޖަރުމަނު އެއްވަރުކުރުމުން މެޗު އިތުރު ވަގުތަށް ދިޔައެވެ.

އިތުރު ވަގުތުގައި އިންގްލެންޑް މޮޅުވި ގޯލު ޖަހައިދިނީ ޖޮނަތަން ރޯވޭ އެވެ. އެ ގޯލާއެކު އިންގްލެންޑުން ޖެހިޖެހިގެން ދެވަނަ ފަހަރަށް 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރިއެވެ.