ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސްގައި، އެ އިދާރާގެ އާ ހިންގާ ކޮމިޓީގެ އިންތިހާބު އަންނަ މަހުގެ 26 ގައި ބޭއްވުމަށް ފާސްކޮށްފިއެވެ.

މީރުމާ އިވެންޓްސްގައި މިއަދު ހަވީރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އަކީ ފީފާއިން އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރި ފަހުން ބޭއްވި ފުރަތަމަ އާންމު ކޮންގްރެސްއެވެ.

އެ ކޮންގްރެސްގައި އާ އިލެކްޓޯރަލް ކޯޑު ފާސްކޮށް، އާ ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވާނެ ތާރީހު ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ އެއް އަހަރު ދުވަހުގެ މެންޑޭޓް ހަމަވުމުގެ ކުރިން އިންތިހާބު ބާއްވައި، އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރުމުގެ ގޮތުން އަންނަ މަހުގެ 26 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބީ ޖަލްސާ ބޭއްވުމަށް ހުށަހެޅުމުން، އެ ހުށަހެޅުން ކޮންގްރެސް އިން ވަނީ ފާސްކޮށްފައެވެ.

27 ޖޫން 2025، މާލެ، އެފްއޭއެމް އޯޑިނަރީ ކޮންގްރެސް 2025 --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ ކޮންގްރެސްގައި އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ނިންމާފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތެވެ. ނޯމަލައިޒޭޝަން ކޮމިޓީން ހުށަހެޅި ގޮތަށް، ކޮންގްރެސްއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ވަނީ އެ އިސްލާހުތައް ފާސްކޮށްފައެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައި މިހާރު ކުޅެމުންދާ ހުރިހާ ކުލަބެއް މެންބަރުންގެ ގޮތުގައި ކަނޑައަޅާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.

އޭގެ އިތުރުން އަލަށް ހޮވޭ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަން ޖެހޭ ގޮތަށް އިންތިގާލީ މާއްދާގައި ބަޔާންކުރުން ވެސް ހިމެނެއެވެ. އެގޮތުން އެ އިސްލާހާއެކު ކުޅިވަރުގެ ގާނޫނަށް ގެނެވުނު އެންމެ ފަހުގެ އިސްލާހުގެ ދަށުން އެކަލަވާލާ ގަވާއިދުގައި ރީޖަނަލް އެސޯސިއޭޝަންތަކުގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅުމާއެކު ހިންގާ ގަވާއިދުގެ ދަށުން ގާއިމުކުރަން ޖެހެއެވެ.

27 ޖޫން 2025، މާލެ، އެފްއޭއެމް އޯޑިނަރީ ކޮންގްރެސް 2025 --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ރީޖަނަލް މުބާރާތްތައް ބޭއްވުމަށް ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ބޭއްވުމުގެ އިހުތިޔާރުދިނުމާއި، ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓުބޯޅަ މުބާރާތުގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސްއަށް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ހިންގާ ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.

އަލަށް ގެނައި އިސްލާހުގެ ދަށުން ހިންގާ ކޮމިޓީގައި މަދުވެގެން ދެ އަންހެން މަންދޫބުން ތިބެން ޖެހޭނެއެވެ. އޮޑިޓް އެންޑް ކޮމްޕްލަޔަންސް އަދި ޖުޑީޝަލް ބޮޑީތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ހުރި މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ކޮންޕްލިކްޓް އޮފް އިންޓަރެސްޓް އާއި އިންޓެގްރިޓީ ޗެކްސް ހަދަން ޖެހޭގޮތަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

27 ޖޫން 2025، މާލެ، އެފްއޭއެމް އޯޑިނަރީ ކޮންގްރެސް 2025 --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އަލަށް ގެނައި އިސްލާހުތަކުގެ ދަށުން މާލީ ހިންގުމާ ބެހޭ މައުލޫމާތާއި އޮޑިޓް ރިޕޯޓާއި އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީގެ މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރަން ވެސް ވަނީ މަޖުބޫރުކޮށްފައެވެ. އަދި ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި ހަރަދުތަކާއި އިންވެސްޓްމަންޓުތަކާއި އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ވެސް ހިންގާ ގަވާއިދަށް ބަދަލު ގެނައެވެ.

ކޮންގްރެސްގައި ވަނީ، އެފްއޭއެމްގެ 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އެ އަހަރުތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި މިއަހަރުގެ ބަޖެޓު ވެސް ފާސްކޮށްފައެވެ.