ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމާއި ޕާޓީގެ ރައީސްގެ މަގާމަކީ އެއް މަގާމެއްގެ ގޮތުގައި ހަދައި، ޕާޓީގެ ލީޑަރަކަށް ހުންނަ ބޭފުޅާއަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ހަދަން އެމްޑީޕީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށް ހުށަހަޅަން ނިންމައިފިއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މިހާރު އެކުލަވާލާފައި އޮތް މަގުޗާޓުގައި އޮންނާނީ އެ ދެ މަގާމަކީ އެއް މަގާމެއްގެ ގޮތުގައި ބަދަލުކުރުން ކަމަށާއި އެއީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެއް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ މިހާރަކުއެއް ޕާޓީގެ ޗެއާޕާސަންއަކާއި ޕާޓީގެ ރައީސްއަކާ ހުރުމުގެ ބޭނުމެއް ނެތޭ. ކޮންމެވެސް އެއް މަަގާމެއް އޮތީމަ ނިމުނީއޭ. އެއީ ޕާޓީގެ ރައީސް ކަމަށްވަންޏާ ޕާޓީގެ ރައީސް، ޕާޓީގެ ޗެއާޕާސަން ކަމަށްވަންޏާ ޕާޓީގެ ޗެއާޕާސަން. ޕާޓީ ބާރަށް ގެންދިއުމުގައި އެފިޝަންސީތަކެއް، ފަސޭހަތަކެއް އޭރުން ގެނެވޭނެ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޕާޓީގެ ލީޑަރަށް ހުންނަވާ ބޭފުޅަކީ ފެކްޝަން ފަދަ ކަންކަމާއި ހުރިހާ މައްސަލަތަކުން ސަލާމަތްވެފައި ހުރި ބޭފުޅަކަށް ވާން ޖެހޭ ކަމަށާއި އެބޭފުޅެއްގެ މަސައްކަތަކީ ޕާޓީ ބާރަށް ކުރިއަށްގެންދިއުން ކަމަށެވެ. އަދި އެބޭފުޅަކަށް މަގާމުގައި ހުންނަވައި، ޕާޓީ ހިންގައި ވަރުގަދަކޮށްފައި، އޭނާގެ ގާބިލުކަން ޕާޓީގެ މެންބަރުންނަށް ހާމަކޮށްދީފައި، އޭގެ ފަހުން އަންނަ ރިޔާސީ އިންތިހާބަކަށް އޭނާއަށް ޖާގަ ލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ހަމައެއާއެކު އަޅުގަނޑުމެން ހުށަހަޅާ އަނެއް މުހިންމު ބަދަލަކީ، އަޅުގަނޑުމެންގެ ވެރިކަމެއް ގާއިމުވެއްޖެ ކަމަށްވަންޏާ، އެމްޑީޕީގެ އެ ލީޑަރަކަށް އެއްވެސް ވަޒީފާއަކަށް ނުދެވޭނެ. ކެބިނެޓަކަށް ވެސް ނުދެވޭނެއޭ، މަޖިލީހަކަށް ވެސް ނުދެވޭނެއޭ، މިނިވަން މުއައްސަސާއަކަށް ވެސް ނުދެވޭނެއޭ، އަދި އެހެންވެސް އެސްއޯއީއެއްގެ މެނޭޖިން ޑިރެކްޓަރަކަށް އަދި އެހެން ކަމަކަށް ވެސް ނުދެވޭނެއޭ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ޕާޓީގައި ތިބޭ އިސް ހުރިހާ ވަރުގަދަ ބޭފުޅުންތައް ދައުލަތުގެ އެކިއެކި ދިމަދިމާލަށް ދިއުމުން، މިދިޔަ ދެ ވެރިކަމުގައި ވެސް ފެނިގެންދިޔައީ ޕާޓީ ވަރަށް ބޮޑަށް ކުޑަވެގެންދިޔަތަން ކަމަށާއި މިހާރު ގެންނަން އުޅޭ ބަދަލުތަކާއެކު ޕާޓީ ވަރުގަދައަށް ހިންގަވަން ޕާޓީގެ ލީޑަރު ހުންނަވާނެ ކަމަށެވެ. އަދި ލީޑަރަކަށް ހުންނަވާ ބޭފުޅާއަށް ޕާޓީން ރަނގަޅު މުސާރައެއް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.