އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެހެން ވިދާޅުވީ އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ފަށާ ހަރަކާތްތަކާ ގުޅޭ ގޮތުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އިރާދަ ކުރެއްވިއްޔާ ދުނިޔޭގައި ހުރެއްޖެއްޔާ (ޕްރައިމަރީގައި ވާދަ) ކުރާނަން،" ފައްޔާޒު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

ޝާހިދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ވާދަކުރުން އޮންނާނެ ކަމަށާއި އަދި ވާދަ ކުރުމަށް ޖާގަ ނުދޭ ގޮތަކަށް އެމްޑީޕީ ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ފާޅުކުރައްވައިފައެވެ.