ރ. އަތޮޅުގައި މާދަމާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފަށަން ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާދަމާ ރ. އަތޮޅުގައި އާރްޓީއެލް ފަށާއިރު އެ އަތޮޅުގެ ރައްޔިތުންނަށް އާރްޓީއެލް ފެރީގެ ހިދުމަތްތަކާ އަހުލުވެރިކުރުވުމުގެ ގޮތުން މާދަމާއިން ފެށިގެން ޖުލައިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

ނަމަވެސް ޖުލައި ތިންވަނަ ދުވަހުން ފެށިގެން ފެރީން ދަތުރު ކުރެވޭނީ ޓިކެޓް ނަގައިގެންކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ފެރީގެ ޓިކެޓް އާރްޓީއެލް ވެބްސައިޓް މެދުވެރިކޮށް އަދި އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނެގެން ހުންނާނެކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

އާރްޓީއެލް ހިދުމަތް ފޯރުކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

އާރްޓީއެލް މަޝްރޫއަކީ މުޅިރާއްޖެ ތިން ފޭހަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.