ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު މިރޭ 'ވަން' އަށް ވިދާޅުވީ، ޓެރަރިޒަމްގެ އެ މައްސަލައިގައި ތިން މީހަކާ ދެކޮޅަށް ފުލުހުން ހުށަހެޅި މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު، އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

މިއީ ކޮން މައްސަލައެއް ކަމެއް ޝަފީއު ވިދާޅެއް ނުވެ އެވެ.

ނަމަވެސް ސިފައިންނާއި ފުލުހުން ގުޅިގެން މިދިޔަ ރޯދަ މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގި ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކަކީ ޖުމްހޫރީ މައިދާން ކައިރިން ދުއްވާފައި ދިޔަ ކަރާ ލޮރީއެއް ދުއްވަން އިން ޑްރައިވަރެވެ.

މިއަދާ ހަމައަށްވެސް އެ އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިން ހިއްސާކޮށްފައެއް ނުވެއެވެ.

ހައުސިން މިނިސްޓްރީގެ ކުރީގެ އިމާރާތުގައި އަލިފާން ރޯވި ހާދިސާ އަދި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވަން ފުލުހުން ތައްޔާރުވި އެވެ. ނަމަވެސް ފަހުން ވަނީ އެ ޕްރެސް ކެންސަލްކޮށްފައެވެ. ވަކި ސަބަބެއް ނުބުނެއެވެ.