މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވާތީ، އެ ސަރަހައްދުގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލު ސަރުކާރުން އަންނަނީ ބަލަމުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އީރާން- އިޒްރޭލް ހަނގުރާމައިގެ ތެރެއިން އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފައެވެ. އީރާންގެ އެ ހަމަލާއަކީ، އެމެރިކާއިން، އީރާންގެ ނިއުކިލިއާ ފެސިލިޓީސްތަކަށްދިން ހަމަލާގެ ރައްދު ހަމަލާއެވެ.

އީރާންގެ އެ ހަމަލާގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

އެ ހަމަލާ ދީފައިވަނިކޮށް ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިޕްލޮމެޓިކް އޮފީސްތައް މެދުވެރިކޮށް، މެދުއިރުމަތީ ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ. ފޮރިން މިނިސްޓްރީންވެސް އަންނަނީ އެ ގައުމުތަކުގައި އުޅޭ ދިވެހީންގެ ހާލު ބަލަމުންކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ އަދި މިވަގުތު އެ ގައުމުތަކަށް ދަތުރުކުރަމުން އަންނަ ދިވެހިން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. ސަރުކާރުން ދެމުން އަންނަ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް އިލްތިމާސްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އީރާނުން ހަމަލާދިނުމާ ގުޅިގެން ގަތަރު، ޔޫއޭއީ އަދި އެހެން ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައެއް ފްލައިޓުތައް ޖެއްސުމުގެ ހުއްދަ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލައިޓުތަކުގެ ޓްރެކިން މައުލޫމާތު އާންމު ކުރާ ފްލައިޓް ރާޑާ 24 އިން އާންމު ކޮށްފައިވާ މައުލޫމާތުތަކުން ވަނީ ގަތަރާއި އިރާގުގެ އިތުރުން ބަހްރެއިނުން ވެސް ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ.

ކުވައިތުން ވެސް ވަނީ ރެއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ.