ދެ އަހަރު ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ އެ މަނިކުފާނަށް މަރުހަބާ ކިއުމަށް ސަލްޓަން ޕާކުގައި އެމްޑީޕީން މިރޭ ހާއްސަ ޖަލްސާގައެވެ.

ރައީސް ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. އެ މަނިކުފާނަކީ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ. އަދި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި 19 މަޖިލީހަށް އިންތިހާބުވެވަޑައިގެން މަޖިލީހުގެ ރައީސްކަންވެސް ކުރައްވައިފަ އެވެ.

ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރެއިން 21 ޖޫން 2023 ގައި ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އެވެ. އެ މަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންނެވީ 18 އަހަރު ދުވަހު އެ ޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވުމަށްފަހު އެވެ.

އޭގެ ފަހުން އެ މަނިކުފާނު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، 13 ޖުލައި 2023 ގައި އެ ޕާޓީއަށް ރައީސް ނަޝީދު ސޮއިކުރެއްވި އެވެ.

ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ ޖޫން 17 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއްގަ އެވެ. އޭގެ ކުރިން ރައީސް ނަޝީދު ވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާކަން އިއުލާން ކުރައްވައިފަ އެވެ.