ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައެއްނުގެންނެވިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ފާސްކުރި ގަރާރަކުން ވަނީ ނަޝީދު ހިމެނޭހެން އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމައިފައެވެ. އެކަމަށް އެމްޑީޕީގެ އިސްވެރިން ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ސޮއިކުރުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާއިން ރައީސް ސޯލިހު ފެނިވަޑައިނުގެންނެވި ނަމަވެސް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވަޑައިނުގެންނެވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.

ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން ރަސްމީކޮށް ރޭ އިއުލާންކުރައްވައިފައެވެ. ރައީސް ސޯލިހަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި ބޭއްވި ކެއުމެއްގައި އެ މަނިކުފާނުގެ އެ ނިންމެވުން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

ރައީސް ނަޝީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މެސެޖެއް ކުރައްވައިފައެވެ.

އޭގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ގެންގުޅުއްވައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު އެ ޕާޓީއާ ވަކިވެވަޑައިގެންނެވީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.