ފީފާ ކްލަބު ވޯލްޑް ކަޕްގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެ، މެކްސިކޯގެ ޕަޗޫކާ އަތުން ހޯދި މޮޅާއެކު ޔޫރަޕުގެ އެންމެ ކާމިޔާބު ކްލަބު ރެއާލް މެޑްރިޑުން ކުޑަ ހަމަޖެހުމެއް ހޯދައިފިއެވެ.

އާ ފޯމެޓަކާއެކު އެމެރިކާގައި ކުރިއަށްދާ "ގްރޫޕު އެޗް"ގެ މެޗަށް ރެއާލުން ރޭ ނުކުތީ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަތުން ލިބުނު މާޔޫސްކަމާއެކުއެވެ. އަލް ހިލާލްއާ ދެކޮޅަށް ކުޅުނު އެ މެޗުން ރެއާލް ވަނީ އެއްވަރުވެފައެވެ. ރޭ ކުޅުނު މެޗުގައި ޕަޗޫކާ އަތުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ރެއާލަށް ޕްރެޝަރު ކުރިމަތިވީ މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި އެޓީމުގެ މުހިންމު ޑިފެންޑަރު ރައުލް އަސެންސިއޯއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އަސެންސިއޯއަށް އެ ރަތް ކާޑު ދެއްކީ ކައުންޓާ އެޓޭކެއްގައި ޕަޗޫކާގެ ސަލޮމޮން ރޮންޑޮން ހުސްކޮށް ހުރެ، ގޯލަށް ހަމަލާއެއް ފޮނުވާލަނިކޮށް އޭނާއަށް އަސެންސިއޯ ކުރި ފައުލާ ގުޅިގެންނެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް، ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ރެއާލުންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ފްރޭން ގާސިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕަޗޫކާގެ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.

23 ޖޫން 2025، ފީފާ ކްލަބު ވޯލްޑް ކަޕްގައި ޕަޗޫކާ ކޮޅަށް ރެއާލްގެ އަރްދާ ގުލާ ޖެހި ގޯލަށްފަހު ޓްރެންޓް އެލެކްސެންޑާ އާނޯލްޑާއެކު އުފާފާޅުކުރަނީ -- ފޮޓޯ/ ރޮއިޓާސް

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރެއާލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ގޮންޒާލޯ ގާސިއާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތުރުކީ މިޑްފީލްޑަރު އަރްދާ ގުލާ އެވެ. އެ ގޯލުގައި، އަލަށް ރެއާލާ ގުޅުނު އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ އާނޯލްޑްގެ ދައުރު ވެސް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ރެއާލުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ބްރަހިމް ޑިއާޒް ދިން ބޯޅައެއް، ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އެވެ.

23 ޖޫން 2025، ފީފާ ކްލަބު ވޯލްޑް ކަޕްގައި ޕަޗޫކާ ކޮޅަށް ޖެހި ގޯލަށްފަހު ރެއާލްގެ ވަލްވާޑޭ އުފާފާޅުކުރަނީ -- ފޮޓޯ/ ރޮއިޓާސް

އޭގެ ދިހަ މިނެޓު ފަހުން ޕަޗޫކާ އިން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ޖަހައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޕަޗޫކާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލިއަސް މޮންޓިއެލް އެވެ. އޭނާ ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ރެއާލްގެ ފްރާންސް މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީގެ ފައިގައި ކޮންމެވެސް ވަރަކަށް ޖެހުމަށްފަހުއެވެ.

އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ސައުދީގެ އަލް ހިލާލާއި އޮސްޓްރިއާގެ އާރްބީ ސަލްޒްބާގެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

"ގްރޫޕު އެޗް"ގެ ޕޮއިންޓު ތާވަލަށް ބަލައިލާ އިރު، އެއްވަނައިގައި އޮތް ރެއާލާއި ދެވަނައިގައި އޮތް ސަލްޒްބާގަށް، އެއިން ކޮންމެ ޓީމަކުން ދެ މެޗުން ހޯދާފައިވަނީ ހަތަރު ޕޮއިންޓެވެ. ކުޅުނު ދެ މެޗުން ވެސް އެއްވަރުވުމުން ލިބުނު ދެ ޕޮއިންޓާއެކު އަލް ހިލާލް އޮތީ ތިންވަނައިގައެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ޕަޗޫކާއަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެ ގްރޫޕުން ޕަޗޫކާއަށް ދެވަނަ ބުރުގެ އުންމީދު ގެއްލިފައިވާ އިރު، ރެއާލާއި ސަލްޒްބާގް އަދި އަލް ހިލާލަށް ދެވަނަ ބުރުގެ އުންމީދު އެބައޮތެވެ. ދެވަނަ ބުރަށް ދާ ޓީމުތައް ކަށަވަރުވާނީ ގްރޫޕުގެ ފަހު މެޗުތަކަށްފަހުއެވެ.