އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަން މިރޭ ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި ބޭއްވި ކެއުމެއްގައި އެ މަނިކުފާނުގެ އެ ނިންމެވުން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

އެކަން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވަނީ 'ވަން' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހުގެ އެ ނިންމެވުމަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް މަހުލޫފާއި އަސްލަމް ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު އިއުލާން ކުރައްވާފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އޭގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ވިދާޅުވިތާ މާގިނަ ދުވަހެއް ނުވެ އެ މަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފަ އެވެ.