އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިޔާއިން ކަންބޮޑުވުން ފާޅުކޮށް، މަޑުމައިތިރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލައިފިއެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސައުދީ އަރަބިޔާއިން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގައި ހިނގަމުންދާ ކަންތައްތަކާމެދު، ހާއްސަކޮށް އެމެރިކާއިން އީރާނުގެ ނިއުކްލިއަ ފެސިލިޓީތަކަށް ދިން ހަމަލާއާމެދު ފުން ކަންބޮޑުވުމާއެކު ނަޒަރު ހިންގަމުންދާ" ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ސަރަހައްދުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރު އޮތްކަން ފާހަގަކޮށް، ސައުދީ އަރަބިޔާއިން ވަނީ ހުރިހާ ފަރާތްތަކަކަށްވެސް މަޑުމައިތިރިކަން ބެހެއްޓުމަށް ގޮވާލައިފައެވެ.

އަދި މި މައްސަލައިގައި ސިޔާސީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް، އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ސައުދީ އަރަބިޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރަހައްދުގެ އަމަންއަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެ މިފަދަ ހަމަލާތައް ހުއްޓުވުމަށް، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމުގެ މުހިންމުކަން ސައުދީ އަރަބިޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މިއީ އީރާނުން ސުލްހައިގެ އެއްބަސްވުން ހަދަން ވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. އަދި އެއްބަސްވުމަށް ދެކޮޅު ހަދައިފިނަމަ ނުރައްކާތެރި އެތައް ހަމަލާތަކެއް ތެހެރާނަށް ދޭނެ ކަމުގެ އިންޒާރުވަނީ ދެއްވައިފައެވެ.

އެމެރިކާއިން ދިން ހަމަލާއާއެކު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު މިހާރުވަނީ އުފެދިފައެވެ.