ފީފާ ކްލަބު ވޯލްޑް ކަޕްގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް އިންޓަ މިލާނާއި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން އުނދަގޫ މޮޅެއް ހޯދައިފައެވެ.

އާ ފޯމެޓަކާއެކު އެމެރިކާގައި ކުރިއަށްގެންދާ ކްލަބު ވޯލްޑް ކަޕްގައި އެންމެ ވަރުގަދަވާނެ ކަމަށް ބެލެވުނު ޔޫރަޕުގެ ކްލަބުތަކަށް މިހާތަނަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ޔޫރަޕުގެ ބައެއް ބޮޑެތި ކްލަބުތަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭ އިރު، މޮޅެއް ހޯދެނީވެސް އުނދަގޫތަކަކާއެކުއެވެ.

ރޭގެ މެޗުތަކަށް ބަލައިލާ އިރު، "ގްރޫޕު އީ"ގައި އިޓަލީގެ ވަރުގަދަ ކްލަބު އިންޓަ މިލާނުން ނުކުތީ ޖަޕާނުގެ އުރާވާ ރެޑްސްއާ ދެކޮޅަށެވެ. އެ މެޗުން އިންޓަ މިލާން 2-1 ގެ ނަތީޖާއަކުން މޮޅުވީ ފަހުވަގުތު ޖެހި ގޯލަކުންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ވެސް އުރާވާ ރެޑްްސް އިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޓަކޫރޯ ކަނޭކޯ ދިން ބޯޅައަކުން އިންޓަގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އުރާވާ ރެޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިޔޯމާ ވަޓަނާބޭ އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި އިންޓަގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ކްރިސްޓިއަން އަސްލާނީ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިންޓަގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އުރާވާ ރެޑްސްގެ ގޯލުގެ ހުރަސްދަނޑިއަށެވެ.

22 ޖޫން 2025، ފީފާ ކްލަބު ވޯލްޑް ކަޕްގައި އުރާވާ ރެޑްސް ކޮޅަށް ގޯލު ޖެހުމަށްފަހު، އިންޓަ މިލާންގެ ކެޕްޓަން މާޓިނޭޒް އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ވަރުގަދަ ކުޅުމަކާއެކު ދެވަނަ ހާފަށް ނުކުތް އިންޓަ އިން އެޓީމުގެ ފުރަތަމަ ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ނިކޮލާ ބަރޭލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންޓައަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާޓިނޭޒެވެ.

ގިނަ މަސައްކަތްތަކަކަށްފަހު އިންޓައަށް ލީޑު ހޯދުނީ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައެވެ. ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ ދިން ބޯޅައެއް، ޕެނަލްޓީ އޭރިއާ ތެރެއިން މަޑުމަޑުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންޓައަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ވެލެންޓިން ކާބޯނީ އެވެ.

އެ މުބާރާތުގެ "ގްރޫޕު އެފް"ގައި ޖަރުމަންގެ ޑޯޓްމަންޑުން ރޭ ކުޅުނު މެޗުގައި ނުކުތީ ދެކުނު އެފްރިކާގެ މަމެލޮޑީ ސަންޑައުންސްއާ ދެކޮޅަށެވެ. އެ މެޗުން ޑޯޓަމަންޑް މޮޅުވީ 4-3 ގެ ހަނި ނަތީޖާއަކުންނެވެ.

އެ މެޗުގެ 11 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ މަމެލޮޑީ ސަންޑައުންސް އިންނެވެ. ކައުންޓާ އެޓޭކެއްގައި ވަރަށް ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ޑޯޓަމަންޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން މަމެލޮޑީ ސަންޑައުންސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ރިބޭރޯ ކޮސްޓާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓަމަންޑުން ވަނީ ތިން ގޯލު ޖަހައި ރަނގަޅު ލީޑަކާއެކު ހަމަޖެހިލައިފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި މަމެލޮޑީ ސަންޑައުންސްގެ ކީޕަރު ރޮންވެން ވިލިއަމްސްއަށް ހެދުނު ގޯހަކުން ޑޯޓަމަންޑަށް ފެލިކްސް މޭޗާ ނަތީޖާ ހަމަހަމަކޮށްދިން އިރު، އެޓީމަށް ލީޑު ހޯދައިދިނީ ސޭހޫ ގިރާސީއެވެ.

ޑޯޓްމަންޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޯބް ބެލިންހަމްއެވެ. ރެއާލް މެޑްރިޑުގެ ތަރި ޖޫޑް ބެލިންހަމްގެ ކޮއްކޮ، ޖޯބް ބެލިންހަމް ޖެހި އެ ގޯލަކީ އެ ކްލަބުގެ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުންނެވެ.

22 ޖޫން 2025، ފީފާ ކްލަބު ވޯލްޑް ކަޕްގައި މަމެލޮޑީ ސަންޑައުންސްގެ ގޯލަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޯބް ބެލިންހަމް ބޯޅަ ފޮނުވާލަނީ -- ފޮޓޯ/ ގެޓީ

އިތުރު ގޯލަކާއެކު ޑޯޓްމަންޑުގެ ލީޑު ފުޅާވެގެންދިޔައީ މަމެލޮޑީ ސަންޑައުންސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑޯޓްމަންޑުން ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް އެ ގޯލު ވަދެފައިވަނީ މަމެލޮޑީ ސަންޑައުންސްގެ ހުލީސޯ މުޑާއު އަތުންނެވެ.

ދެވަނަ ހާފު ނިމުމުގެ ކުރިން މަމެލޮޑީ ސަންޑައުންސް އިން ހިތްވަރާއެކު މަސައްކަތްކޮށް ދެ ގޯލު ޖަހައި ފަރަގު ކުޑަކުރިއެވެ. މެޗުގެ 62 ވަނަ މިނެޓުގައި މަމެލޮޑީ ސަންޑައުންސްގެ ދެވަނަ ގޯލު އިގްރާމް ރޭނާސް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ލެބޯ މޮތިބާއެވެ.

އިންޓަ އަދި ޑޯޓްމަންޑު ވެސް ވަނީ ފުރަތަމަ މެޗުގައި އެއްވަރުވެފައެވެ. އަދި ރޭގެ މޮޅާއެކު ހަތަރު ޕޮއިންޓު ހޯދުމުން، ފަހު މެޗު ކާމިޔާބުކޮށްގެން އެ ގްރޫޕުތަކުން އިންޓަ އަދި ޑޯޓްމަންޑަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ކަށަވަރުކުރެވެން އެބައޮތެވެ.