ރެއާލް މެޑްރިޑްގެ އާ ކޯޗު ޒަބީ އަލޮންސޯ، ކުޅުންތެރިންގެ "މޫވްމަންޓް" އާއި މައުލޫމާތު އެއްކުރުމަށް އެ ކްލަބުގެ ތަމްރީނުތަކުގައި ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.
އަލޮންސޯގެ އިރުޝާދުގެ ދަށުން ފީފާ ކްލަބު ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަތުން ވަނީ އެއްވަރުވެފައެވެ. އެކަމާ ގުޅިގެން ރެއާލަށް ބައެއް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރެއާލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކްލަބުގެ ތަމްރީނުތަކުގައި ޑްރޯން ބޭނުންކޮށްފައެވެ. އެއީ ރެއާލްގެ ކޯޗުކަމުގައި އެންމެ ފަހުން ހުރި ކާލޯ އެންޗެލޮޓީ ބޭނުންކުރި ޓެކްނޮލޮޖީއެއް ނޫނެވެ.
މީގެ ކުރިން ބަޔާން ލެވަކޫސަންގެ ކޯޗެއްގެ ގޮތުގައި އަލޮންސޯ ހުރި އިރުވެސް، އޭނާ ވަނީ ޓްރެއިނިން ދަނޑުތެރޭގައި ހުންނަ ކެމެރާތަކުގެ ބޭނުން ހިފައިފައެވެ. ނަމަވެސް އެ ކްލަބުގައި އަލޮންސޯ ޑްރޯން ބޭނުންކޮށްފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަލޮންސޯ، ޑްރޯން ބޭނުންކޮށްފައިވަނީ ޒުވާން ކުޅުންތެރިންނާއި ބަދަލު ކުޅުންތެރިންގެ ތަމްރީނުތައް ރެކޯޑުކުރުމަށެވެ. ސްކޮޑުގެ އެހެން ސީނިއާ ކުޅުންތެރިން އޭރު ކުރިއަށްގެންދިޔައީ ޖިމް ސެޝަން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބު ވޯލްޑް ކަޕްގައި ރެއާލް ހިމެނެނީ "ގްރޫޕު އެޗް" ގައެވެ. ކޮންމެ ޓީމެއް ވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާ އިރު، ތިން ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި އޮތީ އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް އެވެ. ދެވަނައިގައި އޮތް ރެއާލާއި ތިންވަނައިގައި އޮތް އަލް ހިލާލަށް، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި މެކްސިކޯގެ ޕަޗޫޗާއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކްލަބު ވޯލްޑް ކަޕްގައި ރެއާލުން ކުޅޭ މެޗުގައި ދެން ނުކުންނަން ޖެހޭނީ ޕަޗޫޗާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މާދަމާ ރޭ 12:00 ގައެވެ.
މިއަހަރު އާ ފޯމެޓަކާއެކު ކްލަބު ވޯލްޑް ކަޕް ކުރިއަށްދާ އިރު، ރެއާލަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ. މިހާތަނަށް ރެއާލުން ވަނީ ފަސް ފަހަރަކު މުބާރާތް ކާމިޔާބުކޮށްފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް