ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަޑުނުކޮށް ފިލި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) އެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ 14:10 އެހައިކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ މުހައްމަދު ނާޝިއު ކަމަށާއި އޭނާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މުހައްމަދު ނާޝިއު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.