މިމަހުގެ 27 ގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސްއެއް ބާއްވައި، އެ އިދާރާގެ ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ނިންމައިފިއެވެ.
މިހާރު އެފްއޭއެމްގެ ހިންގުމާ ހަވާލުވެ އޮތް ނޯމަލައިޒޭޝަން ކޮމިޓީން މިމަހުގެ 27 ގައި ބާއްވާ އެ ކޮންގްރެސްގައި ގިނަ ކަންތައްތަކެއް ނިންމަން ވަނީ ކަނޑައަޅައިފައެވެ.
އެފްއޭއެމުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮންގްރެސްގެ މައިގަނޑު ކަންކަމުގެ ތެރޭގައި، އެ އިދާރާގެ 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން ހިމެނޭ ކަމަށާއި އަދި އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑް ފާސްކުރުމަށް ވެސް ހުށަހެޅޭނެ ކަމަށެވެ.
"ފާސްކުރުމަށްޓަކައި ކޮންގްރެސްއަށް ހުށަހެޅޭ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދަކީ ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން، އަދި އެފްއޭއެމްގެ މެންބަރު ކްލަބުތަކުގެ މަޝްވަރާއާއެކު އެކުލަވައިލެވިފައިވާ ހިންގާ ގަވާއިދެކެވެ." އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.
ކޮންގްރެސްގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ކަންކަން:
- 2023 އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު (އެކްޓިވިޓީ ރިޕޯޓު) ހުށަހެޅުން
- 2023 އަދި 2024 ވަނަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހެޅުން
- 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުން
- 2025 އިން 2028 ވަނަ އަހަރަށް އޮޑިޓްކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަންކުރުން
- އިސްލާހުކޮށްފައިވާ ހިންގާ ގަވާއިދު ފާސްކުރުން
- އިލެކްޓޯރަލް ކޯޑު ފާސްކުރުން
- އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުން
އެފްއޭއެމުން ބުނީ އާ ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވައި، ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކޮމިޓީން ލަފާކުރާ ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް