ފީފާ ކްލަބު ވޯލްޑް ކަޕްގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ޖާދުވީ ގޯލުން، އެމެރިކާގެ އިންޓަ މަޔާމީން ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށްފިއެވެ.

އާ ފޯމެޓެއްގައި އެމެރިކާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި މެސީގެ އިންޓަ މަޔާމީން ޕޯޓޯ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދާފައިވަނީ ޕޯޓޯ އިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕޯޓޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސަމޫ އަގެހޯވާ އެވެ. ޕޯޓޯއަށް އެ ޕެނަލްޓީ ލިބުނީ އިންޓަ މަޔާމީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕޯޓޯގެ ޖޮއާ މާރިއޯއަށް އިންޓަ މަޔާމީގެ ނޮއާ އެލަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އިންޓަ މަޔާމީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިންޓަ މަޔާމީގެ ބެންޖަމިން ކްރެމަޝީ ފޮނުވާލި އެ ހަމަލާ، ޕޯޓޯގެ ކީޕަރު ކްލައުޑިއޯ ރާމޯސް ވަނީ މަތަކޮށްފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން ލީޑު ފުޅާކޮށްލުމަށް ޕޯޓޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އަގެހޯވާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ރީތިކޮށް ކޮންޓްރޯލުކޮށްލުމަށްފަހު، ޕޯޓޯގެ ރޮޑްރިގޯ މޮރާ ފޮނުވާލި ހަމަލާ، ގޯލު ލައިންމަތީ ހުރެ، އިންޓަ މަޔާމީގެ ޑިފެންޑަރު މެކްސިމިލިއާނޯ ފަލްކޮން ވަނީ ވަރަށް ހުޝިޔާރުކަމާއެކު ބޮލުން ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވެސް ޕޯޓޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެލަން ވަރެލާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންޓަ މަޔާމީގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި، އިންޓަ މަޔާމީގެ ކީޕަރު އޮސްކާ އުސްޓާރީގެ ގައިގައި ޖެހި ވަންނަން ދިޔަ ނަމަވެސް، ގޯލަށް ވަނުމުގެ ކުރިން އޭނާ ވަނީ އެ ބޯޅަ ހޯދައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޯޓޯ ކުރީގައި އޮވެގެންނެވެ.

ވަރުގަދަކޮށް ދެވަނަ ހާފު ފަށައި އިންޓަ މަޔާމީން ވަނީ މާގިނައިރުތަކެއް ނުވަނީސް ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފު ފެށިތާ ދެ މިނެޓު ނުވަނީސް، ވެލްގާންޓް ނަގައިދިން ހުރަހަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން އިންޓަ މަޔާމީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޓެލަސްކޯ ސެގޯވިއާ އެވެ.

އޭގެ ހަތް މިނެޓު ތެރޭ އިންޓަ މަޔާމީން ވަނީ އިތުރު ގޯލެއް ޖަހައި ޕޯޓޯ މާޔޫސްކޮށްލައިފައެވެ. އިންޓަ މަޔާމީއަށް ލިބުނު ހިލޭ ޖެހުމަކުން ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން މެސީއެވެ. އޭނާގެ ހިތްގައިމު ހިލޭ ޖެހުން އަމާޒުކޮށްލީ ޕޯޓޯ ގޯލުގެ މަތީ ކަނަކަށެވެ.

އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ބްރެޒިލްގެ ޕަލްމެރާސް އަތުން 2-0 ގެ ނަތީޖާއަކުން މިސްރުގެ އަލް އަހްލީ ވަނީ ބަލިވެފައެވެ. ދެ ގޯލު ވެސް ދެވަނަ ހާފުގައި ފެނިގެންދިޔަ އިރު، ފުރަތަމަ ގޯލަކީ އަލް އަހްލީގެ ވިސާމް އަބޫ އަލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ޕަލްމެރާސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ހޯސޭ މެނުއެލް ލޯޕޭޒް އެވެ.

އެ ގްރޫޕުގެ ޕޮއިންޓު ތާވަލުގެ އެންމެ ކުރީގައި އޮތީ ޕަލްމެރާސް އާއި އިންޓަ މަޔާމީ އެވެ. އެ ދެ ޓީމުން ވެސް ކުޅުނު ދެ މެޗުން ހޯދާފައިވަނީ ހަތަރު ޕޮއިންޓެވެ. ދެން އެ ގްރޫޕުގައި ހިމެނޭ ޕޯޓޯ އަދި އަލް އަހްލީއަށް، ކޮންމެ ޓީމަކަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.