ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަދެއްކުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަކީ ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ރައްދުދެއްވައިފިއެވެ.

ހީނާ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބާއްވާ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަނުޖައްސައިދީފި ނަމަ، އެ ހަފުލާ ބާއްވާނީ މުލިއާގެ ކަންމަތީގައި ކަމަށް ފައްޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.

ހީނާ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

ކުރިން ހުއްދަ ނެގުމަކާނުލައި، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދަށް އެކަނި ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް މި ސަރުކާރުން ވާނީ ކާނިވާ ސަރަހައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލައި ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި ކަމަށް ހީނާ ވިދާޅުވިއެވެ.

"އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިންމު އަދި އެހާމެ ރިވެތި އަސާސެކެވެ..،" ހީނާ ވިދާޅުވިއެވެ.

ފައްޔާޒް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނަޝީދާއި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް، މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އެކި އިވެންޓުތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންގެންދާތީ، އެ ހަފުލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާ ކަމަށެވެ.

"މިހާރު ގަސްތު މިކުރަނީ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެ ނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށެވެ..،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ގައި މުލިއާގެ ކަންމަތީގައި ކަމަށާއި އެމްޑީޕީއަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް އެ ހަފުލާއަށް ދައުވަތު އަރުވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ފާސްކުރި ގަރާރަކުން ވަނީ ނަޝީދު ހިމެނޭހެން އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމައިފައެވެ. އެކަމަށް އެމްޑީޕީގެ އިސްވެރިން ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމާފައިވަނީ، 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ބައެއް އިސް މެންބަރުންނަށް ދާދި ފަހުން މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ.

ނަޝީދު ރާއްޖެ ވަޑައިގެން ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ވެސް ބައްދަލުކުރައްވައިފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު ވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.