މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުނޅަދުތައް ޓޯކުރަން ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ ހިތިގަސްމަގު ކަންމަތިން މެހެރިގޯޅިއާ ހަމައަށް، ބޮޑުތަކުރުފާނުމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ނިންމާފައިވާ ކަމަށާއި ޓޯކުރާ އުޅަނދުތައް ދޫކުރާނީ ދެ ދުވަސް ފަހުން ކަމަށެވެ.

"މާލޭގެ މަގުތަކުގައި ދަރުތުފަތުރުކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިތިގަސް މަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމަައަށް، ބޮޑުތަކުރުފާނުމަގުގައި އާންމު ދަރުތުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ،" ފުލުހުން ބުންޏެވެ.

އުޅަނދުތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުންދޭ އެއްބާރުލުން ފާހަގަކޮށް ފުލުުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ނިންމާފައިވާ އިރު، މިމަހުގެ 12 ގައި ފުލުހުން ވަނީ މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަން ފަށައިފައެވެ.