އިންޓަ މިއާމީއަށް ކްލަބު ވޯލްޑް ކަޕުގައި އޮތް އެންމެ ބޮޑު ފައިދާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އެ ޓީމުގެ ސްކޮޑުގައި ހުރުން ކަމަށް ޕޯޓޯގެ އާޖެންޓީނާ ޑިފެންޑަރު އެލެން ވަރޭލާ ބުނެފިއެވެ.

ކްލަބު ވޯލްޑް ކަޕުގެ ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެމެޗުވެސް އޮތީ އެއްވަރުވެފައެވެ. އަލް އަހްލީއާއި އިންޓަ މިއާމީ ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، ޕޯޓޯއިން ޕަލްމެއިރާސްއާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ ގްރޫޕުގައި މިރޭ ޕޯޓޯއިން އިންޓަ މިއާމީއާ ދެކޮޅަށް ނުކުންނަ އިރު، ގްރޫޕުން އަނެއް ބުރަށް ދަތުރު ކުރުމަށް މިރޭގެ މެޗު ދެޓީމަށްވެސް ވަރަށް މުހިއްމެވެ.

ޕޯޓޯއަކީ އެ ގްރޫޕުގެ ފެވަރިޓުން ނަމަވެސް، ޑިފެންޑަރު ވަރޭލާގެ ނަޒަރުގައި އިންޓަ މިއާމީއަށް ބޮޑު ފައިދާއެއް އެބައޮތެވެ.

"އަހްލީއާއި މިއާމީ ވާދަކުރި މެޗުވެސް އަހަރެން ބެލިން. އެ ދެޓީމަކީވެސް ވަރުގަދަ، އަވަސް ކުޅުމެއް ކުޅޭ ދެޓީމު. އެ ދެޓީމުގެ ތަފާތުގެ ތެރެއިން އިންޓަ މިއާމީގެ ތަފާތަކީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެޓީމުގައި ހުރުން. އެއީ މެސީ. މެސީ ހިފަހައްޓައި، މޮޅެއް ހޯދަން އަހަރެމެން މަސައްކަތް ކުރާނަން. މި ކްލަބުގެ ސަޕޯޓަރުން ބޭނުންވާނެ ގޮތަކީވެސް އެއީ،" ވަރޭލާ ބުންޏެވެ.

ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީއަކީ ގިނަ ދުވަސްތަކެއްވީ ކްލަބެއް ނޫންނަމަވެސް، އެ ކްލަބުގައި ކުރީގެ މަގުބޫލު ސްޓާރުން އެބަ ތިއްބެވެ. މިފަހަރު ކްލަބު ވޯލްޑް ކަޕުގައި އިންޓަ މިއާމީ ކުޅެމުން އަންނަނީ ހޯސްޓް ގައުމުތަކަށް ދިން ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައެވެ.