އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގައި، ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލާ އެއްވަރުވެއްޖެއެވެ.
މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، މިރޭގެ މެޗަކީ ރެއާލް ކޯޗުކަމުގައި ޒަބީ އެލޯންސޯއަށް ފުރަތަމަ ވާދަވެރި މެޗެވެ. މެޗުގައި ރެއާލަށް އަލަށް ގެންދިޔަ ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑް ފަށާފައިވާ އިރު، ހުން އައުމުން ބަލިވެ އުޅޭތީ ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ.
މެޗުގެ ކުރީކޮޅުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެއް ރާގެއްގައި ދެޓީމުންވެސް ކުޅެމުން ދިޔަ އިރު، މެޗު މަޑުމަޑުން އަވަސްވެ، ހާލަތު ބަދަލުވީ ކައުންޓާ އެޓޭކެއްގައި ރެއާލުން ގޯލު ޖެހުމުންނެވެ.
އަވަސް ހަމަލާއެއްގައި އަރިމަތިން ރޮޑްރީގޯ ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ ޒުވާން ކުޅުންތެރިޔާ ގޮންޒާލޯ ގާސިއާއެވެ. އެ ގޯލާއެކު ރެއާލުން ހަމަޖެހިލައިގެން ހާފު ނިންމާލަން ދަނިކޮށް، 41 ވަނަ މިނެޓުގައި ހިލާލަށް ޕެނަލްޓީއެއް ލިބުނެވެ.
އޭރިއާ ތެރެއިން ރައުލް އެސެންސިއޯ، މާކޮސް ލެއާންޑްރޯ ޖާޒީގައި ހިފެހެއްޓުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް، ހިލާލަށް އެއްވަރު ކޮށްދިނީ ރުބެން ނެވޭސްއެވެ.
ދެވަނަ ހާފަށް ރެއާލް ކޯޗު އެލޯންސޯ ވަނީ އާދާ ގޫލާ ކުޅެން ނެރެފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ގޫލާ ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވި އިރު، ރެއާލަށް މެޗުން މޮޅުވާން ފަހު މިނެޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ.
އޭރިއާ ތެރެއިން މުހައްމަދު އަލްގަހުތާނީ، ގާސިއާއަށް ކުރި ފައުލެއްގައި ރެއާލަށް ޕެނަލްޓީ ލިބިފައިވާ އިރު، ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ބޯޅަ މަތަކުރީ ހިލާލަށް ކުޅެމުންދާ މޮރޮކޯ ކީޕަރު ޔަސީން ބޯނޯއެެވެ.
ބޯނޯއަކީ ކުރިން ސެވިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީފައިވާ ތަޖުރިބާކާރު ގޯލްކީޕަރެކެވެ. އޭނާގެ މޮޅު ކުޅުން، ގަތަރު 2022 ގެ ވޯލްޑް ކަޕުގައިވެސް ފެނިގެން ގޮސްފައިވެއެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް