ރާއްޖޭގައި ބާއްވާ ފުރަތަމަ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކެޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމްކުރާ އެ ތާރީހީ މުބާރާތް ވެގެންދާނީ އެ ރަށުގައި އެގޮތަށް ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަށެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގެ މަގުސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީއަށް އިގުތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.

އެގޮތުން މާދަމާ އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހަށް އއ. ތޮއްޑޫގައި ބާއްވާ އެ މުބާރާތުގައި ޖަރުމަން، ޗައިނާ، ސްޕެއިން، އިންޑިއާ، އިނގިރޭސި ވިލާތް އަދި އެމެރިކާ ހިމެނޭ ގޮތަށް 20 އަށްވުރެ ގިނަ ގައުމުން 130 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ އެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ.

އަދި މުޖުތަމައުގެ ތެރޭގައި ބާއްވާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި އެ މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވަނީ ލޯކަލް ޓޫރިޒަމް ކުރިއަރުވައި، މުޖުތަމައުގެ ތެރޭގައި ކުރިއަގެންދާ އެފަދަ ހަރަކާތްތަކަށް ދިރާގުން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

"މި މުބާރާތަކީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އަހަރުތަކެއް ވަންދެން ކުރަމުން ގޮސްފައިވާ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ. އަދި މި މުބާރާތް ބޭއްވުމަށް ދިރާގުން ދީފައިވާ ފުރިހަމަ އެއްބާރުލުން އަގުވަޒަންކޮށް، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ އެތުލީޓުން ކުރިއެރުވުމަށް ދިރާގުން ކުރާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން" އިހާ އެކެޑެމީގެ ފައުންޑަރު އިބްރާހިމް ލަތީފް ވިދާޅުވިއެވެ.

ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ އެފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ބައިވެރިވަމުންނެވެ.