އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ ގްރޫޕް އީގައި ރިވާ ޕްލޭޓުން ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ އުރާވާ ރެޑް ޑައިމަންޑްސް ބަލިކޮށްފިއެވެ.

އާޖެންޓީނާގެ ރިވާ ޕްލޭޓުން އެޓީމުގެ ފުރަތަމަ މޮޅު ހޯދީ ރޭ ލުމެން ފީލްޑްގައި ކުޅުނު މެޗު، 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

ޖަޕާނުގެ އުރާވާ ކައިރިން ރިވާ ޕްލޭޓް މެޗު ފެށީ ރަނގަޅަށެވެ. މާކޮސް އަކޫންޔާ ނަގައިދިން ހިތްގައިމު ހުރަހެއްގައި ރިވާ ޕްލޭޓަށް އެ ގޯލު ޖަހައިދިނީ ފަކުންޑޯ ކްލިޑިއޯއެވެ.

އޭގެފަހުން ހާފު ނިމުމުގެ ކުރިން އުރާވާއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. މާރިއަސް ހޮއިބްރަޓެން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، އޮފްސައިޑާ ހެދި ގޯލަކަށް ނުބެލިއެވެ.

އެ ނަތީޖާއާއެކު ހާފު ނިންމާލި ނަމަވެސް، ރިވާ ޕްލޭޓުން ދެވަނަ ހާފުގެ ކުރީކޮޅުގައި ދެވަނަ ގޯލު ޖެހިއެވެ. އެއި ސެބަސްޓިއަން ޑްރިއުސީ ޖެހި ގޯލެކެވެ. ލިބުނު ޕެނަލްޓީއެއްގައި އުރާވާގެ ޔުސޫކޭ މަޓްސޯ އެޓީމަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، މެކްސިމިލިއާނޯ މޭޒާ ވަނީ އިތުރު ގޯލެއް ޖަހައި ރިވާ ޕްލޭޓަށް ނަތީޖާ ޔަގީންކޮށްދީފައެވެ.

ކްލަބު ވޯލްޑް ކަޕުގައި އޭގެފަހުން ރޭ ކުޅުނީ ދެކުނު ކޮރެއާގެ އުލްސަން އެޗްޑީއާއި ދެކުނު އެމެރިކާގެ ގަދަ ބާރު، މަމެލްޑޯ ސަންޑައުންސް ވާދަކުރި މެޗެވެ.

ފްލޮރިޑާއަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން 30 އަކަށް މިނެޓަށް މެޗުގެ ފެށުން ލަސްވެގެން ގޮސްފައިވާ އިރު، މެޗުން މޮޅުވީ ސަންޑައުންސްއެވެ. އެއީ 1-0 ގެ ނަތީޖާއަކުންނެވެ.

ސަންޑައުންސްގެ ހަމައެކަނި ގޯލު ޖެހީ އިގްރާމް ރޭނާސްއެވެ.