ގާތްގަނޑަކަށް 130 ގައުމަކަށް ނިސްބަތްވާ ސަޕޯޓަރުން، ކްލަބު ވޯލްޑް ކަޕުގެ މެޗުތަކަށް 1.5 މިލިއަން ޓިކެޓް ގަނެފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކްލަބު ވޯލްޑް ކަޕު ފަށާފައިވާ އިރު، މިއީ މުޅިން އާ ފޯމެޓަކަށް ކުޅެމުން އަންނަ ކްލަބު ވޯލްޑް ކަޕް މުބާރާތެކެވެ. މީގެ ކުރިން ބައްރުތަކުގެ ޗެމްޕިއަނުންނާއި ހޯސްޓް ގައުމު އެކަނި ވާދަކުރާ ގޮތަށް ކްލަބު ވޯލްޑް ކަޕު ބާއްވަމުންދިޔަ ނަމަވެސް، މިއަހަރު މުބާރާތް މަހަކަށް ދެމިގެންދާ ގޮތަށް އެމެރިކާގައި ބާއްވަނީ 32 ޓީމާއެކުގައެވެ.
ދެން ކްލަބު ވޯލްޑް ކަޕް އޮންނާނީވެސް ހަތަރު އަހަރުން އެއް އަހަރުއެވެ.
މުބާރާތުގެ ފުރަތަމަ މެޗަށް ޓިކެޓް ވިއްކުމަށްވެސް ފީފާއަށް އުނދަގޫތަކާ ކުރމަތިވި ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެ މެޗަށް 60،000 ސަޕޯޓަރުން ވަދެ ހާޑް ރޮކް ސްޓޭޑިއަމް ފުރާލިއެވެ. އަދި އޭގެފަހުން ރޯސް ބޯލް ސްޓޭޑިއަމްގައި ޕީއެސްޖީން އެތުލެޓިކޯ މެޑްރިޑް ބަލިކުރި މެޗަށްވެސް 80،000 ސަޕޯޓަރުން ވަދެފައިވެއެވެ.
އެހެން ނަމަވެސް އެމެރިކާގެ ރަސްމީ ދުވަސްތަކުގެ މެންދުރު ގަޑީގައި ކުޅޭ މެޗުތަކުގައި ބޮޑަށް ސްޓޭޑިއަމްތައް ފެންނަނީ ހުސްކޮށެވެ. ޗެލްސީން މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި އެލްއޭއެފްސީއާ ދެކޮޅަށް ކުޅުނު މެޗަށް 22،000 ސަޕޯޓަރުން ވަން އިރު، އެއީ 71،000 މީހުންގެ ސްޓޭޑިއަމެކެވެ.
މެޗުތަކަށް ޓިކެޓް ނުވިކޭ ކަމަށް ބުނަމުންދާ ވާހަކައަށް ރައްދު ދެއްވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ކްލަބު ވޯލްޑް ކަޕަކީ ސަޕޯޓަރުން ތަޖުރިބާ ކޮށްލަން ބޭނުންވާ، މުޅީން އާ ވިސްނުމެއްގެ މުބާރާތެއް ކަމަށާއި، މިއީ ފުޓުބޯޅައިގެ އާ އިންގިލާބީ ފެށުމެއް ކަމަށެވެ.
އެ ބަޔާނުގައި އިންފަންޓީނޯ ހާމަކުރީ މިހާރުވެސް 1.5 މިލިއަން ޓިކެޓް ވިކިފައިވާ ކަމަށާއި، ސަޕޯޓަރުންނަށް މުބާރާތް ކަމުދާ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ
ފީފާ
ފީފާ
ފީފާ