ފީފާ ކްލަބު ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ އަލް ހިލާލާ ދެކޮޅަށް ނުކުންނަ އިރު، އެމެޗުން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ނުފެނިދާނެ ކަމަށް ނޫސްތައް ބުނެފިއެވެ.
ރެއާލާ ހަވާލާ ދީ އިތުބާރު ނޫސްތަކުން ބުނީ އެމްބާޕޭ އިއްޔެ ހެނދުނު ހޭލި އިރު، ވަރަށް ބޮޑަށް ހުން އައިސް ބަލިވެފައިވާ ކަމަށެވެ. އެހެންކަމުން މިރޭ އަލް ހިލާލާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ނުފެނުން އެއީ ވަރަށް ގާތް ކަމެއް ކަމަށްވެސް ކްލަބާ ހަވާލާ ދީ ނޫސްތައް ބުނެފައިވެއެވެ.
އެމްބާޕޭ ނެތި ހިލާލާ ދެކޮޅަށް ކުޅެން ޖެހުން ވެގެންދާނީ އާ ކޯޗު ޒަބީ އެލޯންސޯއަށް ޗެލެންޖަކަށެވެ. އެއީ އެމްބާޕޭއަކީ މިހާރު ރެއާލްގެ ސްކޮޑުގައި ހުރި ހަމައެކަނި ސެންޓަ ފޯވަޑެވެ. އޭނާއަކީވެސް އާއްމުކޮށް ވިންގަށް ކުޅޭ ކުޅުންތެރިއެއް ނަމަވެސް، ރެއާލްގައި އޭނާ ބޭނުންކުރަމުން އަންނަނީ ސެންޓަ ފޯވަޑަކަށެވެ.
އެމްބާޕޭ މިހާތަނަށް މި ސީޒަނުގައި ރެއާލަށް 31 ލީގު ގޯލު ޖަހައިދީފައިވާ އިރު، އޭނާއަކީ ޔޫރަޕްގެ ރަން ބޫޓުވެސް ހޯދި ކުޅުންތެރިޔާއެވެ.
ރެއާލަކީ ކްލަބު ވޯލްޑް ކަޕްގެ ފެވަރިޓެކެވެ. މިދިޔަ 10 އަހަރު ތެރޭގައި ރެއާލުން ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައި، ކްލަބު ވޯލްޑް ކަޕު ކާމިޔާބު ކޮށްފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް