ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނެޝަނަލް އެސެމްބްލީގައި ގަރާރަކުން ފާސްކޮށްގެން އެގޮތަށް ނިންމާފައިވާކަން އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާ ހުށަހެޅުއްވި އެ ގަރާރުގައި ވަނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށްވުމާ އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން ކަމަށް ގަބޫލުކުރެވޭ ހިނދު، އެ މަގުސަދު ހާސިލުކުރުމަށް އެ ޕާޓީގެ މެންބަރު އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
ޑިމޮކްރެޓްސް އިން އެގޮތަށް ނިންމާފައި މިވަނީ، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ބައެއް އިސް މެންބަރުންނަށް ދާދިފަހުން މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ.
ނަޝީދު ރާއްޖެ ވަޑައިގެން އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ވެސް ބައްދަލުކުރައްވައިފައެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު ވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.
ދަ ޑިމޮކްރެޓްސް
ދަ ޑިމޮކްރެޓްސް