ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ކުރިމަތިލާން "ދަ ޑިމޮކްރެޓްސް" ގެ ކެނޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޕާޓީން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީން އިލެކްޝަން ކޮމިޝަނާ ބައްދަލުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ޕާޓީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީގެ އެޑްމިނިސްޓްރޭޝަށް އިން ކުރަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ހޯދައި އެކަށީގެންވާ މިންވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އެހެން ކަމުން މި އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުން ޝައުގެވެރިކަން ފާޅުކުރުމަށް ބޭނުންވާ އީ-ޕޯމް މިމަހު 31ގެ ކުރިން ފުރިހަމަކުރަން ވަނީ އެދިފައެވެ. އަދި އެއް ގޮނޑިއަކަށް އެއް މެންބަރަށްވުރެ ގިނައިން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ އެ ޕާޓީގެ މެންބަރުން:

  • އެޕްލިކޭޝަން ހުށަހެޅުއްވުމަށް my-elections-gov.mv އަށް އީ-ފާސް މެދުވެރިކޮށް ލޮގިންކޮށް އޮންލައިންކޮށް މައުލޫމާތު ހުށަހަޅާ
  • އޮންލައިން އެޕްލިކޭޝަން ގައި ޕާޓީ އިހްތިޔާރު ކުރެއްވުމުން މިޕާޓީއިން އެ ކެންޑިޑޭޓަކު އެންޑޯސް ކޮއްދެވޭނެ
  • ކޮންމެ ކެންޑިޑޭޓަކުވެސް އީ.ސީ އަށް 1-500 ރުފިޔާ (ރިފަންޑް ނުކުރެވޭ ފީއެއް) އޮންލައިންކޮށް ދައްކަން ޖެހޭނެ
  • ޕާޓީގައި ނުހިމެނޭ ފަރާތަކުން ކުރިމަތިލާނަމަ 50 މެމްބަރުންގެ ތާއީދު ބޭނުންވާނެ ކަމަށް އަދި އެތާއީދު ދޭ ފަރާތްތަކުން އަމިއްލަ އީ-ފާސް ލޮގިންއިން އޮންލައިންކޮށް އެތާއީދު ދެވޭނެ ކަމަށް
  • އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށްވެސް ސިޔާސީ ޕާޓީއެއްގެ ނަމުގައި ކުރިމަތިލެވިދާނެ (އެ ކެންޑިޑޭޓަކު އޮންލައިންކޮށް ހުށަހެޅި ފޯމު އެންޑޯސް ކޮށްދިނުމުގެ ފުރުސަތު ޕާޓީތަކަށްއޮވޭ).

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4ގައެވެ.