މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބައިތިއްބާ މަރުކަޒުގެ ގަވާއިދު އާންމުކޮށްފިއެވެ.
ކަރެކްޝަންސް އިން އިއްޔެ ގެޒެޓުކުރި އެ ގަވާއިދަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކަރެކްޝަނަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި ގަވާއިދެކެވެ. އެ ގަވާއިދުގައިވާ ގޮތުން ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ ޖުވެނައިލް ޑިޓެންޝަން ސެންޓަރު އަދި ލޯންގް ޓާމް ސެކިޔޯ ފެސިލިޓީއެވެ.
ގަވާއިދުގައިވާ ގޮތުން ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބަންދުކުރާ ސެންޓަރެވެ. ލޯންގް ޓާމް ސެކިޔޯ ފެސިލިޓީއަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމައާ އެކަހެެރި ކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބައިތިއްބަންޖެހޭ ފެސިލިޓީއެވެ.
ގަވާއިދުގައިވާ ގޮތުން ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒަށް ގެންނަ ކުދިންނާ އެ މަރުކަޒުން ހަވާލުވާން ވާނީ ކޯޓު އަމުރެއް ލިބުމުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ވަގުތީ ގޮތުން ބަންދުން ދޫކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އާއިލާގެ މީހަކު މަރުވުން
- ސިއްހީ ކަމެއް ދިމާވުން
- މާބަނޑު ކުއްޖެއްގެ ބަނޑަށް ހަމަސް ފުރުން
- އެއް އަހަރު ނުފުރޭ ގާތުން ކިރު ދޭ ކުއްޖެއް ހުރުން
- ހައްޖުގެ އަޅުކަން އަދާކުރަން ދިއުން
- އާއިލާ މެންބަރަކު އައިސީސީޔޫގައި ނުވަތަ ފުރާނައަށް ނުރައްކާތެރި ހާލަތަކަށް ގޮސް އެނދުމަތި ކުރުން
- އާއިލާ މެންބަރަކު ހޭނައްތައިގެން އޮޕަރޭޝަނެއް ކުރުން
ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ހާލަތްތަކުގައި ބަންދު ދޫކުރެވޭނީ ޕްރިޒަން އޮފިސަރަކާއެކު އެވެ. އަދި ކުއްޖާ ދޫކުރުމުގެ ކުރިން ކުއްޖާގެ ބެލެނިވެރިޔާ ލައްވާ ކުއްޖާ ވަގުތީ ގޮތުން ދޫކުރުމުގެ އިގުރާރުގައި ސޮއިކުރުވަންވާނެ ކަމަށް ބުނެފައިވެއެވެ.
މަރުކަޒުގައި ތިބޭ ކުދިން އިސްލާހުކުރުމުގެ ގޮތުން ޖިސްމާނީ އަނިޔާއެއް ނުވަތަ ނަފުސާނީ އަނިޔާއެއް އަދި އިހުމާލުވުމުގެ އަމަލެއް ކޮށްގެންނުވާނެ ކަމަށާއި މަރުކަޒުގައި ވަޅި އާއި ބިނޑި، ނުވަތަ ދަގަނޑު ނުވަތަ ޗޭނު، ހިލިހިލާ އަދި ޓޭޒާ ފަދަ ތަކެތި ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޕެޕާ ސްޕްރޭ ފަދަ ތަކެއްޗާއި ސްްޓްރެއިޓް ޖެޓުގެ އިތުރުން ކުއްޖާއަށް ތަދު އިހުސާސް ކޮށްދޭ އެއްވެސް އާލަތެއް މަރުކަޒުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން މަރުކަޒު ބަލަހައްޓާ އޮފިސަރުންނަށް ކުއްޖާގެ ގައިގައި އަތް ލެވޭނީ ކުއްޖާގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެ ހާލަތުގައި އެކަންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް